ކާށީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ރުއް އާލާ ކުރުމަށް ސްރީ ލަންކާގެ އެހީ އަށް ކިއުބާ އެދިއްޖެ އެވެ.
އެ ގައުމުގެ ރައީސް މިގުއެލް ޑަޔަޒް-ކަނެލް އެކަމަށް އެދިވަޑައިގަތީ ލަންކާ އިން ކިއުބާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޓަޔާޑް އެޑްމިރަލް ނިޝާންތާ އުލުގެތެނެއާ އެކީ ބޭއްވި މަޝްވަރާ ބައްދަވުމެއްގަ އެވެ.
ދެ ގައުމުގެ ސިޔާސީ ގުޅުމަށް މި އަހަރު 65 އަހަރު ފުރިފައިވާތީ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ކިއުބާގެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ގައުމުގެ ކާށީގެ ވިޔަފާރި ވަރަށް ބޮޑަަށް ފުޅާކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިހާރު ކުރަން ޖެހިފައި އޮތް އެންމެ މުހިއްމު ކަމަކީ ދުރު މުސްތަގުބަލަކަށް އަމާޒުކޮށްގެން ރުއް އާލާ ކުރުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ލަންކާގެ އެހީ ވަރަށް ބޭނުންވާ ކަމަށް މިގްއެލް ވިދާޅުވި އެވެ. އެގޮތުން ކާށީގެ 150 މުޑުވަކެއް ލަންކާ އިން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ސަފީރުގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ނިޝާންތާ ވަނީ އެ އެހީތެރިކަން ކިއުބާ އަށް ލަންކާ އަށް ފޯރުކޮށް ދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.