Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އިންސާނީ ވަގުފާރިއާ ދެކޮޅަށް 4 ސިޔާސަތެއް

ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން މައިގަނޑު ހަތަރު ސިޔާސަތެއް ގެންގުޅޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއް ޖެއެވެ.

ބައިނަލްއަޤުވާމީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ ޝަރީޢަތްތައް އަވަސްކުރުމަށް ޤާނޫނަށް އިޞްލާޙު ވެސް ގެންނަން ޖެހޭ ކަމަށާއި އެފަދަ މައްސަލަތަކުގެ ޝަރީޢަތްތައް ލަސްވުމަކީ އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް ލިބޭ ބޭއިންސާފެއް ކަމަށެވެ.
އަދި މައްސަލަތައް ސާބިތު ނުމެ މައްސަލަ ދިގުދެމިގެން ދިއުމަކީ އެ މީހުން އިތުރަށް އިންސާނީ ވަގުފާރިއަށް ހުށައެޅިދާނެދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އިންސާނީ ވަގުފާރިއަކީ އިންސާނުން އަޅުވެތިކޮށްގެން ހިންގާ ނުރައްކާތެރި ނުބައި ޢަމަލެއް ކަމަށާއި މިފަދަ މައްސަލަތައް ފަސޭހަކަމާއިއެކު ހުށަހެޅޭނެ ދާއިމީ ޙައްލެއް ހޯދައި ދަޢުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"އިންސާނީ ވަގުފާރިކުރާ މީހުން އެކި މީހުންގެ ހައްޤުތަކަށް އަރައިގަނެ ފަރުދުންގެ ކަރާމަތާއި މިނިވަންކަން ގެއްލުވާލާ. މިއީ ޒަމާނީ އަޅުވެތިކަމުގެ ވައްތަރެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މި ކުށް ހިންގާ ފަރާތްތައް، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބިރު ދައްކާ ހާލަތު ރަނގަޅުވާނެ ކަމަށް ވިސްނައިދީ ގަދަކަމުން މަސައްކަތްކުރުވައި، އެމީހުންނަށް ޖިންސީ ގޯނާކުރޭ."

އިހުސާން ވިދާޅުވީ އެ ކުށް ހުއްޓުވުމަށް މައިގަނޑު ހަތަރު ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެއީ މި ކުށް ހުއްޓުވުމުގައި މަސައްކަތްކުރާ ޤާބިލް މީހުން ބިނާކުރުމާއި، ކުށާ ގުޅޭ ގޮތުން މުޖުތަޢު ހޭލުންތެރި ކުރުވުމާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ކުށް ރިޕޯޓުކުރެވޭނެ ފޯން ލައިނެއް ގާއިމުކުރުމެވެ.

ބައިނަލްއަޤުވާމީ ގޮތުން އިންސާނީ ވަޤުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ. މި އަހަރު އެ ދުވަހުގެ ޝިޢާރަކީ "މީހުން އިންސާނީ ވަގުފާރިކުރުން ހުއްޓުވުމަށްކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން" އެވެ.