މި ސަރުކާރަށް ތަންފީޒު ކުރެވުނީ ދުވަސްތައް ބަންދުކުރުން ކަހަލަ ކަންކަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި ކެބިނެޓުން 225 ނިންމުމެއް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ އެ ވާހަކަތަކާއި ގުޅިގެން ރޭ އެމްޑީޕީއިން 'ހަވަރު ބެރު'ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޝާހިދު ވިދާޅުވީ ސަރުކާރެއްގެ ހިނގާ ކަމާއި އަދި ރަނގަޅުކަން އަންގައިދެނީ ނިންމުންތަކަކުން ނޫން ކަމަށާއި އެއީ ތަންފީޒު ކުރުންތަކުން އަންގައިދޭނެ ކަމެއް ކަމަށެވެ.
"ނިންމުން ހެދިދާނެ މި ސަރުކާރުން ކަން ކުރައްވަމުން ގެންދެވި ގޮތަށް، ރަމަޟާން މަހުގެ ފަހު 10 ދުވަސް ބަންދުކުރާނެތޯ ނޫންތޯ. ދޮޅު ގަޑިއެއްހާއިރު ހަމަ ވާހަކަ ދައްކާލަން ރަނގަޅު ކަމެއް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ކުރީކޮޅުގައި ކެބިނެޓު ބައްދަލުވުންތައް ނިންމާލުމަށް ފަހު ބަޔާންތައް ދިން ނަމަވެސް ފަހުން އެކަން ވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި ކެބިނެޓުން ނިންމި ކަމަށް ބުނާ 225 ނިންމުމުގެ ތެރޭގައި ހިމެނެނީ ކޮން ކަމެއްކަން ވެސް ނޭނގޭ ކަމަށާއި ފެންނަން ހުރީ ދުވަސްތައް ބަންދުކުރުން ކަހަލަ ކަންކަން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަން ހުރި ތަންތަނުގައި 225ގެ ތެރެއިން ތަންފީޒުވެފައި ހުރީ ބަންދު ދުވަސްތައް ކަނޑައަޅައިގެން، އެ ބަންދު ދުވަސްތައް ބަންދުކުރުން ކަހަލަ ކަންތައްތައް،" ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވަނީ ސަރުކާރުން ނިންމާ ނިންމުންތައް ވެސް ތަންފީޒު ވަމުންދާތަން ނުފެންނަ ކަމަށާއި ރަށްރަށުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށްވެސް ވިދާޅުވެފަ އެވެ.