ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފިއެވެ.
ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނިއްޔާ ޝަހީދު ކޮށްލާފައިވަނީ އިރާންގެ ވެރިރަށް ތަހްރޭންގައި ހުންނަވަނިކޮށެވެ. ހަނިއްޔާ އިރާނަށް ވަޑައިގަތީ އިރާންގެ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.
އިރާން ސަރުކާރުގެ މީޑީއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، ހަނިއްޔާގެ އިތުރުން އޭނާގެ ބޮޑީގާޑެއްވެސް ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ހަނިއްޔާ ޝަހީދުކޮށްލުމުން ހަމާސްއިން ނެރެނު ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ޝަހީދު ކޮށްލީ ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް ޔަހޫދީ ހަރުކަށި ސިފައިން ރެއިޑުކޮށް ކަމަށެވެ.
ހަނިއްޔާ ޝަހީދު ކޮށްލިއިރު އުމުރުފުޅަކީ 54 އަހަރެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިއަކަށް ހަނިއްޔާ އިންތިހާބުކުރީ 2017 މޭ 6 ވަނަ ދުވަހުއެވެ. މީގެކުރިންވެސް އިޒްރޭލުންވަނީ ހަނިއްޔާ ޝަހީދު ކޮށްލުމަށް އެކިފަހަރުމަތިން މަސައްކަތް ކޮށްފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި، ހަނިއްޔާގެ ތިން ފިރިހެން ދަރިން އަދި ތިން ކާފަ ދަރިން ވެސް ޝަހީދު ކޮށްލާފައިވެއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުގެ 39,400 އަށްވުރެ ގިނަ މީހުންވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.