ކައުންސިލްތަކުގެ ރައީސް އަދި ނައިބުރައީސުން ފިޔަވާ ދެންތިބޭ މެންބަރުންނަކީ އިއުލާނުކޮށްގެން އެވަޒީފާއަށް ނަގާ ބައެއްގެ ގޮތުގައި ހެދުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ މިހާރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ގެއްލިފައިވާކަން ފާހަގަކޮށް ސައުދުﷲ ވިދާޅުވީ ރައްޔިތުން މިހާރު ބުނަނީ ކުރިން އޮތް ކަތީބު ނިޒާމު މާ ރަނގަޅުކަމަށް ކަމަށެވެ. ކަތީބުން މަގާމަށް އަންނަނީ ތައުލީމެއް އަދި ތަޖުރިބާއެއް ހުރެގެން ކަމަށާއި އެހެންކަމުން އެމީހުންނަށް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ކަމަށެވެ.
ސައުދުﷲ ވިދާޅުވީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރެވޭ ބައެއް ބޭފުޅުން ކަންކަމަށް ވަރަށް އާ، ޅަބޭފުޅުންނަށްވުމުން މަސައްކަތުގެ އަޚުލާޤު އަދި ޒިންމާއާމެދު ވިސްނާލަން ފަސޭހަނުވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރުވެސް ފެންނަ ނުފެންނަ ވޯޓެއް ލައިފިއްޔާ، ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރާނޭ ކަތީބު ސިސްޓަމަށް." ސައުދުﷲ ވިދާޅުވިއެވެ.
މިއީ ކަތީބު ސިސްޓަމްގެ ޒަމާން ނޫންކަން ފާހަގަކޮށް ސައުދުﷲ ވިދާޅުވީ، މިއީ އިންތިހާބީ ޒަމާނެއްކަމުން ކޮންމެވެސް ބަޔަކު އިންތިހާނުވާންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ކައުންސިލް ރައީސް އަދި ނައިބުރައީސް އިންތިހާބު ކުރުމަށްފަހު ބާކީތިބޭ މެންބަރުންނަކީ "އިއުލާނުކޮށްގެން އެވަޒީފާއަށް ނެގޭ" މެންބަރުންގެ ގޮތުގައި ހަދައިފިނަމަ އެ މަގާމަށް ތަޖުރިބާއާއި އިލްމީ ބޭފުޅުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ ކައުންސިލްތަކުގެ ބައިއިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ހަމަޖެއްސުމުން އެކަމުގައި ރައްޔިތުންނަށް އަދި ދައުލަތަށްވެސް ލުއިތަކެއް ލިބޭނެ ކަމަށެވެ.