ރާއްޖޭގެ މިއުޒިކް ބޭންޑެއް ކަމަށްވާ ސްކައިރޮކްގެ ފުރަތަމަ އަލްބަމް ލޯންޗްކުރަން މިރޭ "ސަމުގާ" ގެ ނަމުގައި އޮލިމްޕަހުގައި ޝޯއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް، މި އިވެންޓާ ގުޅުވައި މިއުޒިކީ ބަޔަކު "ކޯޅެން" ފަށައިފި އެވެ.
ވަރަށް ތަފާތު ގޮތަކަށް "ސަމުގާ" ޝޯ ބާއްވަން ނިންމައި އެ އިޝްތިހާރުކުރާތާ ދުވަސްތަކެއް ވެސް ވެފައި ވަނިކޮށް ރާއްޖޭގެ އެހެން ބޮޑުބެރު ގްރޫޕެއް ކަމަށްވާ "ހަރުބީ" އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސްކައިރޮކް އިން "ސަމުގާ" އާއި "އިރު" ގެ ނަމުގައި އެ މީހުންގެ އަލްބަމްގައި ލަވަތަކެއް ގެނެސްދޭން އުޅޭ އިރު، އެ ދެ ނަމަކީ ކޮޕީރައިޓް ގާނޫނުގެ ދަށުން އެ މީހުންގެ ހައްގެއް ކަމަށެވެ.
އެހެންވެ އެ ނަންތައް ބޭނުންކޮށްގެން އެއްވެސް ކަހަލަ އުފެއްދުމެއް ސްކައިރޮލުން ގެނެސް ދިނުމަކީ ހަރުބީގެ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، އެކަމަށް ގާނޫނު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
އަދި މިކަމުގެ ތެރެއަށް މިހާރު މަޝްހޫރު މިއުޒިޝަން އީސަ ވަދެ، ހަރުބީގެ ބަޔާނަށް ރައްދު ދީ، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ "ސަމުގާ" އާއި "އިރު" މުޅި ރާގާއި ލަވަ އަކީ ހަރުބީ ގެ އަޞްލީ އުފެއްދުމެއް އަދި އެ މީހުންގެ އަސްލު މަސައްކަތްތަކެއް ވެސް ނޫން ކަމަށެވެ.
"ތިޔަ ބަޔާން ކުރާ ދެ ލަވައިގެ ޅެމާއި ރާގުގެ އަޞްލީ އުފެއްދުމާއި މަސައްކަތުގެ ވެރިފަރާތަކީ ޚުދު އަޅުގަނޑު. އަދި ޤާނޫނީ ގޮތުން އެ ދެ ލައިވައިގެ އަޞްލީ މަސައްކަތުގެ ކޮޕީރައިޓްގެ ސީދާ ވެރިފަރާތަކީ އަޅުގަނޑު ނޫން އެހެން ފަރާތެއް ނޫން،" އީސަ ބުންޏެވެ. "އަދި ތިޔަ ދެލަވައިގެ ޅެމާއި ރާގުގެ ޙައްޤުވެރި މުޞައްނިފަކީ އަޅުގަންޑުކަމަށް ވާހިނދު އެ ޤާނޫނުގެ 10 ވަނަ މާއްދާއިން މުޞައްނިފަށް ލިބިދޭ ޙައްޤުގެ ދަށުން ހަރުބީ ބޮޑުބެރު ގްރޫޕުން އެލަވަ ބޮޑުބެރުގައި ހުށައަޅާ ވިޔަފާރި ކުރުމުގެ ޙައްޤު ދިނުމާއި ސްކައިރޮކް އަށް އެ ލަވައި މިޔުޒިކް ބޭންޑުން ހުށައަޅާ ވިޔަފާރީގެ ބޭނުމަށް ދިނުމަކީ މުޞައްނިފަށް އޭނާގެ އަޞްލީ އުފެއްދުމާއި މަސައްކަތަށް ޤާނޫނުން ލިބިދޭ އިޤްތިޞާދީ ޙައްގެއް."
އޭނަ ބުނީ ސްކައި ރޮކާ ދެކޮޅަށް ނުހައްގުން ހަރުބީ ނުކުމެގެން އުޅެނީ ހަސަދަވެރިކަމުގަ އެވެ. އަދި ހަސަދަވެރިކަމާއި އަނެކުންނަަށް ކުރިއެރުން ލިބުމުން ނަފުރަތު ކުރާނީ ވަރަށް ދޯހަޅި ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"ހަރުބީ އަކީ ތިޔަ ވިދާޅުވާ ދެ ލަވައިގެ އަޞްލީ އުފެއްދުމާއި މަސައްކަތުގެ ވެރިފަރާތް ކަމުގައި ނުވާހިނދު އެކަމުގައި ޤާނޫނީ ގޮތުން ހުރިކަންކަން ނުބަލާ ސްކައިރޮކްގެ މަސައްކަތްތައް ތިޔަ ގޮތަށް ހަސަދަވެރި ވުމަކީ ވަރަށް ދެރަ އަދި ދަށު ދަރަޖައިގެ ކަމެއް." އީސަ ބުންޏެވެ "ބޮޑު ބެރާއި ފުލް-ސެޓް އަޕް މިޔުޒިކް ބޭންޑެއްގެ ތަފާތަށް އިޙްތިރާމް ކުރުމަކީ ބުއްދިވެރި ކަމެއްކަމުގައި ދެކެން."
އޭނަ ބުނީ މި މައްސަލައި ގާނޫނީ ފިޔަވަޅެއް އަޅާ ނަމަ ކޯޓަށް ދާންވީ ސްކައިރޮކް ގޮވައިގެން ނޫން ކަމަށެވެ.
"ދަންނަންތޯ. އަޅުގަނޑު މި ހުރީ ތިޔަ މައްސަލަ ކޯޓަށް ހުށައެޅުމުން އެކަމަށް އިޖާބަ ދޭން ތައްޔާރަށް."
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވުޖޫދަށް އައި ސްކައިރޮކް އަކީ ހަ މެންބަރުން އެކުލެވޭ ބޭންޑެކެވެ. އެ ބޭންޑުން މިރޭ ބާއްވާ "ސަމުގާ" ޝޯ އަކީ ވަރަށް ތަފާތު ތިއޭޓަރިކަލް އެކްސްޕީރިއަންސަކަށް ވާނެ ކަމަށް ބޭންޑުން ބުނެފައިވެ އެވެ. އަދި ޝޯގައި އަލްބަމްގެ ލަވަތައް ވާހަކައެއް ގޮތަށް ޕްރެޒެންޓްކޮށް ދޭނެ ކަމަށް ބުނެފައިވެ އެވެ.