ތުއްތު ކުދިން ޕީނަޓަށް އެލާޖިކްވެ، ސިއްހަތަށް ނުރައްކާ ފަދަ ސިއްހީ މައްސަލަތައް ދިމާވާތީ އެކަމަށް ހައްލެއް ހޯދަން އޮސްޓްރޭލިއާގައި ފަރުވާގެ ޓްރަޔަލް ޕްރޮގްރާމެއް ފަށައިފި އެވެ.
މިއީ މިފަދަ ޕްރޮގްރާމެއް ދުނިޔޭގައި ގައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާ އިން ބުނީ ޕީނަޓަށް ތުއްތު ކުދިން އެލަޖިކްވާ މައްސަލަ އެކަށީގެންވާ ހައްލެއް ހޯދަން ފެށި "އޯރަލް އިމިއުނޮތެރަޕީ" ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކަމަށް ހޮވާލި ކުޑަކުދިންގެ ހާއްސަ ސަރުކާރުގެ ހޮސްޕިޓަލްތަކެއްގައި ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުން ދެ އަހަރު ވަންދެން އަހަރު ނުވާ ކުދިންނަށް ކޮންމެ ދުވަހަކު ވެސް ޕީނަޓް ޕައުޑާގެ ޑޯޒް ދެމުން ދާނެ އެވެ. އަދި އެއާ އެކީ އަންނަ ބަދަލަށް ބަލައިފައި ޑޯޒްތައް އިތުރު ކުރަމުން ވެސް ގެންދާނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން މިހާރު ވެސް އުންމީދީ ނަތީޖާތަކެއް ފެންނަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ގައުމު ފާހަގަ ކުރެވެނީ ކާނާގެ ތަފާތު ބާވަތްތަކަށް ތުއްތު ކުދިން އެންމެ ބޮޑަަށް އެލަޖިކްވާ ގައުމުގެ ގޮތުގަ އެވެ. އެހެންވެ އޮސްޓްރޭލިއާ ސިފަކުރަނީ "ދުނިޔޭގެ އެލަޖީ ކެޕިޓަލް" ގެ ގޮތުގަ އެވެ.
އެ ގައުމުގެ ކޮންމެ 10 ކުއްޖަކުން އެކަކީ ކާނާ އަށް އެލަޖިކްވާ ކުދިންނެވެ. އެގޮތުން އަހަރު ނުވާ ކުދިންގެ 3 ޕަސެންޓަކީ ހާއްސަކޮށް ޕީނަޓަށް އެލާޖިކްވާ ކުދިންނެވެ.
އެހެންވެ މި ކަމަށް ހައްލެއް ހޯދަން ފެށި ޕްރޮގްރާމާ ގުޅޭ ގޮތުން އެސިސްޓަންޓް ހެލްތު މިނިސްޓަރު ޖެޑް ކިއާނީ ވިދާޅުވީ މިއީ އިންގިލާބީ ބަދަލެއް ގެނުވައި ދޭނެ ޕްރޮގްރާމަކަށްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އޮސްޓްރޭލިއާގެ ނެޝަނަލް އެލަޖީ ސެންޓަ އޮފް އެކްސެލެންސް (އެންއޭސީއީ) އިން ބުނީ ޕީނަޓް އެލަޖިއާ ދެކޮޅަށް ފެށި "އޯރަލް އިމިއުނޮތެރަޕީ" ޕްރޮގްރާމްގެ ނަތީޖާ އަށް ބަލައިފައި މި ޕްރޮގްރާމް މުޅި އޮސްޓްރޭލިއާ އަށް ފުޅާ ކުރާނެ ކަމަށެވެ. އެއީ ޕްރައިވެޓް ހޮސްޕިޓަލްތައް ވެސް ހިމެނޭ ގޮތަށެވެ.