Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

އަވަސް އަވަހަށް ބައިއިލެކްޝަންތައް ބޭއްވުމަށް އިގްތިސާދު ތަންނުދޭ

މެމްބަރު އަހުމަދު ތާރިގް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަވަސް އަވަހަށް ބައިއިލެކްޝަންތައް ބޭއްވުމަށް ރާއްޖޭގެ އިގްތިސާދު ތަންނުދޭކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ތާރިގް ވިދާޅުވީ އެކި މަޖިލިސްތަކުން އަދި އެކިވެރިކަންތަކުގައި ލާމަރުކަޒީ ކަންކަމާ ގުޅޭ ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުފަހުން އެންމެ ގިނައިން އިސްލާހު ކުރެވިފައިވަނީވެސް ލާމަރުކަޒީ ނިޒާމާގުޅޭ ކަންކަމުގައި ކަމަށް ތާރިގް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ޔުނިޓަރީ ދައުލަތެއްކަން ފާހަގަކުރައްވާ ތާރިގް ވިދާޅުވީ ރަށްރަށުގެ ކަންކަން ކުރުމަށް ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ހުރުމަކީ ޑިމޮކްރަޓިކް އުސޫލުން ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ބައެއް މެންބަރުން އިންތިހާބުތައް ނުބާއްވާ ވާހަކަ ދެއްކިކަން ތާރިގް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އިންތިހާބުތައް ބާއްވަންވާނެ ކަމަށާއި އަދި ރައްޔިތުންނަށް އެ ވެރިމީހާ ހޮވުމުގެ ފުރުސަތުވެސް ދޭންވާނެ ކަމަށް ވިދާޅުވިއެވެ. މިހާރު ދިމާވެފައިވާ މައްސަލައަކީ ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުން އިތުރުކޮށް މުއްދަތުތަކަށް ބަދަލުގެނައުމުން ދިމާވެފައިވާ މައްސަލައެއްކަމަށް ތާރިގް ވިދާޅުވިއެވެ.

ތާރިގް ވިދާޅުވީ އިރުއިރުކޮޅާ ބައިއިލެކްޝަންތައް ބާއްވަން ރާއްޖޭގެ އިގްތިސާދީ ހާލަތު ތަންނުދޭ ކަމަށެވެ. އެހެންނަމަވެސް ބައިއިލެކްޝަންތައް ބާއްވަންޖެހޭނެ ކަމަށާއި އަދި އެ އިންތިހާބުތައް ހަ މަސްދުވަހުން އޮތުމަކީ ހަމަ ރަނގަޅުގޮތެއް ކަމަށް ވިދާޅުވިއެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިކަންކަމާ ގުޅިގެން ތާރިގް ވިދާޅުވީ އެކަންކަމާމެދު މަޖިލީހުގެ މެންބަރުން ފުންކޮށް ބަހުސްކުރަންޖެހޭ ކަމަށާއި އަދި ރައްޔިތުންވެސް އެކަމާމެދު ފުންކޮށް ވިސްނާ ހިޔާލު ބޭނުންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްތައް ފެށޭނެކަން ފާހަގަކުރައްވާ ތާރިގް ވިދާޅުވީ އެ މަސައްކަތުގައި ޤާނޫނީ ވަކީލުން، ސިޔާސީ ޕާޓީތައް އަދި އެކި ފަރާތްތަކުގެ ހިޔާލު ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.