ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައެއް ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ޕާކިސްތާނުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އެ މަޝްވަރާ އިއްޔެ ބޭއްވި ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގަ އެވެ. މަޝްވަރާގައި ހައި ކޮމިޝަންގެ ފަރާތުން އިސްކޮށް ހުންނެވީ ޕާކިސްތާނުގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަހުމަދެވެ.
މިނިސްތްރީގެ ފަރާތުން މަޝްވަރާގައި ބައިވެރިވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އާއި މިނިސްޓްރީގެ ޕްރޮގްރާމް އޮފިސަރު ޢައިޝަތު ސާހާ ސޮބާހެވެ.
އެ މަޝްވަރާފައި ވަނީ ޕާކިސްތާނުގެ ލަހޯރްގައި ހުންނަ ބީކަންހައުސް ޔުނިވަސިޓީން ސާރކް ޤައުމުތަކުގެ ދަރިވަރުންނަށް އާޓް އަދި ޑިޒައިންޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދޭ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުނަރުވެރި ކުދިންނަށް ފުރުޞަތުތައް ފަހިކޮށް ދިނުމަށް މަޝްވަރާކޮށްފަ އެވެ.
އަދި ބައްދަލުވުމުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ތެރަޕީތަކުގެ ތެރެއިން ބިހޭވިއަރަލް ތެރަޕީ އަށް ޚާއްސަ ތެރަޕިސްޓުންނާއި އެނަލިސްޓުންތަމްރީނު ކުރުމާއި އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާނުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ވެސް މަޝްވަރާކޮށްފަ އެވެ.