Last Updated: January 12, 10:16
Sunday, January 12, 2025
ޚަބަރު

"ގެދޮރުވެރިކަމުގެ ކޮމިޓީ" ދާއިމީ ކޮމިޓީއަކަށް

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ގެދޮރުވެރިކަމުގެ ކޮމިޓީ" ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި ހިމަނައި މެންބަރުން އައްޔަނު ކޮށްފިއެވެ. 

ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމާ، ބޯހިޔާވަހިކަމާގުޅޭ ޤައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ގެދޮރުވެރިކަމާ ގުޅޭގޮތުން އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ. 

މީގެއިތުރުން އެކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި، އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުމާއި، ހިޔާވަހިކަމުގެ ހައްޤު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދެވޭތޯ ބެލުން ކޮމިޓީގެ މަސްއޫލިޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ގެދޮރުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުމާއި ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށް ލަފާދިނުންވެސް ހިމެނެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" ހިމަނައި އެ ކޮމިޓީގައި މެންބަރުން ހިމެނޭނެ ގޮތް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.