ގައުމީ އެއާލައިން މޯލްޑިވިއަން އަށް އަލަށް ގެންނަން ނިންމާފައިވާ ވައިޑް ބޮޑީ މަތިންދާބޯޓަށް ބޭނުންވާ ޕައިލެޓުން ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ.
އެގޮތުން ގެންނަ ފުރަތަމަ ބޯޓަށް ޕައިލެޓުންނާއި ފަސްޓް އޮފިސަރުން ހޯދަން އިއުލާންކުރީ އިއްޔެ އެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 7 އާ ހަމައަށެވެ.
އައިއޭއެސް އިން އޭ330-200 މަރުކާގެ މަތިންދާބޯޓް ގެންނަން މިދިޔަ މަހުގެ 26 ވަނަ ދުވަހު އެއްބަސްވުން ހަދާފައި ވަނީ ޓްރޫނޯޑް ކުންފުންޏާ އެވެ.
Join our Team! Interested candidates may apply through our online portal by visiting https://t.co/m15zxGMpWA pic.twitter.com/Y4gft2aEjX
— MaldivianAero (@MaldivianAero) July 31, 2024
އައިއޭއެެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒް ވިދާޅުވެފައި ވަނީ ވައިޑް ބޮޑީ މަތިންދާބޯޓު ގެނެވުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ގައުމީ އެއާލައިނަށް ވާދަކުރަން ހުޅުވޭނެ ދޮރެއް ކަމަށެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު ގެނެވޭ އޭ330-200 އެއާބަސް މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެ ކަމަށް ވިދާޅުވި އެެވެ. އަދި އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާ އަށް ކަމަށް ވެސް އިޔާޒު ވިދާޅުވި އެވެ.
ވައިޑް ބޮޑީ މަތިންދާބޯޓްތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ޖާގަ ތަނަވަސް ބޯޓްތަކެވެ. އަދި މިއީ ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުންކުރާ ބޯޓްތަކެވެ. މިފަދަ ބޯޓްތަކުގައި އާބްމުކޮށް ދެ އައިލް ހުންނައިރު އެވްރެޖުކޮށް 200-850 ފަސިންޖަރުން އުފުލޭނެ އެވެ.
މޯލްޑިވިއަނުން މި ވަގުތު ބޭނުންކުރާ އެންމެ ބޮޑު ބޯޓަކީ އެއާބަސް 320 އެވެ.