Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އައްޑޫގެ ކަރަންޓް މައްސަލަ ހައްލުވާން ދެ އަހަރު ނަގާނެ

އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ދެ އަހަރު ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާހަވާލުކޮށްފައިވާ މަޝްރޫއު ނިމުމުން ކަމަށާއި އެ ޕްރޮޖެކްޓު ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އެޕްރީލް މަހުގެ 18 ގަ އެވެ.

މުއާޒު ވިދާޅުވީ އައްޑޫގައި 18 ވަރަކަށް ޖެނަރޭޓަރު ބަހައްޓައިގެން ކަރަންޓު ދިނުމުގައި މައްސަލަތައް ދިމާވަނީ އެ ތަކެތި ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ.

"އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަމުން ގެންދަން މެނޭޖްމަންޓުގެ ފަރާތުން،" އޭނަ ވިދާޅުވި އެވެ. "އޭގެ ތެރޭގައި ޗައިނާގެ ކުންފުންޏަކާ އެކީގައި އެއްބަސްވެގެން އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައި މިއޮތް މައްސަލަ އެއްކޮށް ދާއިމީ ހައްލެއް ލިބިގެން ދާނީ." އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއާތައް ހޯދުމާއި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމާއި، ހަލާކުވާ ޖެނެރޭޓަރުގެ ބަދަލުގައި އިތުރު ޖެނެރޭޓަރުތައް އައްޑު އަށް ފޮނުވުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށެވެ.

އައްޑު އަށް 1.6 މެގަވޮޓްގެ އާ ޖަނަރޭޓަރެއް މި މަހުގެ ތެރޭގައި ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފެނަކަ އިން ބުނެފައި ވަނީ ޗައިނާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ހަދާ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.

އެގޮތުން މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ އެ ކުންފުނިން ބުންޏެވެ.