ހއ. އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ މެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށް ދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
ވަޖީހު ވިދާޅުވީ ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔޮޓް މެރީނާގެ ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވަޖީހު ވިދާޅުވި އެވެ.
"ގަބޫލު ކުރެވެނީ މާ ލަސްތަކެއް ނުވެ މި އަހަރުގެ ތެރޭގައި [އަމަލީ] މަސައްކަތްތައް ފެށިގެން ދާނެ ކަމަށް. އޭރުން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ." އޭނަ ވިދާޅުވި އެވެ.
އުލިގަމު ކައުންސިލްގެ ރައީސް ވިދާޅުވީ ޔޮޓް މެރީނާއެއް އެ ރަށުގައި ތަރައްގީ ރުމަކީ އެ ރަށުގެ ރައްޔިތުން ދުވަސްވީ ހުވަފެނެއް ކަމަށެވެ.
"މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުނެތޭ. ޔޮޓް ފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެ ދިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތް ކުރެވުނު،" އޭނަ ވިދާޅުވި އެވެ. "ވޭތުވެ ދިޔަ ސަރުކާރުތަކުން ސަރުކާރަކުން [ޔޮޓް މެރީނާއެއް ނެތިގެން] އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް މުޙައްމަދު މުޢިއްޒު އާއި އެމްޕީއެލް އަށް ޝުކުރު އަދާކުރަން."
އުލިމަގަމަކީ ރާއްޖޭގައި މިހާރު އެންމެ ގިނައިން ޔޮޓްފަހަރު ބަނދަރުކުރާ ރަށެވެ.
އެ ރަށު ޔޮޓް މެރީނާ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއައިއޯ) ހުށަހަޅަން ހުޅުވާލައިފަ އެވެ. ސުންގަޑި ހަމަވާނީ މި މަހުގެ 12 އަށެވެ.