މީޑިއާ ވިލެޖް ގާއިމުކުރުމާ ގުޅޭގޮތުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، މޯލްޑިވްސް މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދާއިއެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މީޑިއާ ވިލެޖް ޤާއިމް ކުރުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ޖާގައާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާ ވިލެޖް ގާއިމުކުރާނީ ހުޅުމާލޭގައި އެސްޓީއޯ އިން ހަދާފައިވާ ހޮޓެލް އިމާރާތުގައި ކަމަށެވެ. އެ ތަނުން މީޑިއާތަކަށް ހަމަޖެހޭ އުސޫލުން ވަރަށް ކުޑަ އަގެއްގައި އޮފީސް ހިންގަން ޖާގަ ހަމަޖައްސައިދޭނެ ކަމަށާއި އެތަނުގައި މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.