ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އިޒްރޭލު ކުށްވެރިކޮށްލަން ވެސް ނުކެރުނު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އީރާންގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށް ގާޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަޙައްދުގައި ސުލްހަ ގާއިމުކުރަން ގައުމުތަކަށް ގޮވާލާފަ އެވެ.
ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހަނިއްޔާ އަވާހަރަކޮށްލުމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުން މިކަން ކުރީ ކޮން ބައެއްކަން ވެސް ބުނެފައި ނުވާ ކަމަށާއި އެ ބަޔާނުގައި ގޮވާލާފައިވަނީ މުޅި ދުނިޔެ ހަމަ ހިމޭންވުމަށް ކަމަށެވެ. ނަމަވެސް މިއީ މުޅި ދުނިޔޭގެ މައްސަލައެއް ނޫން ކަމަށާއި މި ޖަރީމާ ހިންގަނީ ޔަހޫދީ ދައުލަތުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ނެރުނު ބަޔާނުގައި ޔަހޫދީ ދައުލަތުންނޭ މިކަން ކޮށްގެން އުޅެނީ، ހަރުކަށި އިބާރާތުން ޔަހޫދީ ދައުލަތް ކުށްވެރި ކުރަމޭ ބުނެލާކަށް ނުކެރުނު،" ޔާމީން ވިދާޅުވި އެވެ.
ހަނީއްޔާ އަވަހާރަކޮށްލުމަކީ ރަސްމީ ސިފައިގައި ތައުބީނުގެ ޖަލްސާ ވެސް ބާއްވަންޖެހޭ ވަރުގެ ކަމެއް ކަމަށާއި، ހަމާސް ޖަމާއަތަކީ މުޖާހިދުން ކަމަށްވާއިރު އެއީ ދިވެހިންގެ ތައުރީފާއި ޝުކުރު ހައްގު ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުންނޭ ބުނަން ވެސް ސަރުކާރަށް ނުކެރުނު އިރު ހާރިޖީ ސިޔާސަތު މިނިވަން ވެފައި އޮތްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"މި ނެރުނު އައިބު، ކޮރު ބަޔާނުގައި އިޒްރޭލުގެ ނަން ވެސް ނެތް. އިޒްރޭލެއް ނޫން ކުށްވެރިވަނީ، ހަމަ ހިމޭން ވާންވީ މިކަމުގައި ދުނިޔެ. އެހެންވީމަ ދުނިޔެ ތައުޒިޔާ ވެސް ކިޔާނެ ކަމެއް ނެތް. މިކަމާ އިހުތިޖާޖު ވެސް ކުރާނެ ކަމެއް ނެތް. އެންމެން ހަމަހިމޭންވާންވީ،" ސަރުކާރުން ނެރުނު ބަޔާނަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.