ފެނަކައިން ދެން އައިސްޕްލާންޓްތައް ނުހިންގާމެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި ފުޅާކޮށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ފެނަކަ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއް ކަމަށެވެ. އަދި ފެނަކައިގެ ހާލަތު މިހާރު އޮތް ގޮތުން ވެސް އައިސް ޕްލާންޓްތަކުގެ ހިދުމަތް ދިނުމަކީ ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
މުއާޒު ވިދާޅުވީ އައިސް ޕްލާންޓް ހިންގަން ހަދައިގެން ފެނަކަ ކުންފުންޏަށް މަހަކު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވާ ކަމަށެވެ. އަދި މއެ މައްސަލައިގައި މިފްކޯ އާއި ކަމާގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެ ކުންފުނިން ދެން އައިސްޕްލާންޓްތައް ނުހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އައިސް ފްލާންޓް ހިންގުމުގެ މުއާލމަލާތްތަކުގެ ތެރެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރުގެ މެނޭޖްމަންޓަށް ފާހަގަކުރެވިފައި ވަނީ ލ. މާމެންދޫގައި އަމިއްލަ ފަރާތްތަކުން ތަރައްޤީ ކުރި އައިސްޕްލާންޓެއް ފެނަކަ އަށް ގަނެފައިވާ މައްސަލަކަމަށެވެ. އެތަން 11 މިލިއަން ރުފިޔާ އަށް ގަނެފައިވާއިރު، އޭގެ އިތުރުން އިތުރު އައިސްޕްލާންޓެއްވެސް އެރަށުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައި އޮތް ކަމަށް މުއާޒު ވިދާޅުވި އެވެ.
"އެ މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށައަޅާފައި. ކޮންޓްރެކްޓަރަށް ފައިސާ ދިނުން މަޑުޖައްސާލަން އޭސީސީން މިހާރު އޮތީ އަންގާފައި." އޭނަ ވިދާޅުވިއެވެ.
މި ސަރުކާރު އައި އިރު، ފެނަކައިން ދިޔައީ 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުންޏާ އައިސްޕްލާންޓްތަކެއް ހިންގަން ހަވާލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އައިސް ޕްލާންޓްތަކަކީ މަސްވެރިންނަށް ފަސޭހަ އިން އައިސް ފޯރުކޮށް ދިނުމަށް ދޭ ހިދުމަތެކެވެ.