އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުގެ އައިސީޔޫގައި ބަލިމީހުން ތިއްބައި، އަދި ކަރަންޓް ބޭނުންކޮށްގެން ބަލިމީހުންނަށް ފަރުވާ ދެމުން ދަނިކޮށް ބަލިމީހުން ސަލާމަތްކުރާނެ ފުރުޞަތު ނުދީ ކަރަންޓް ކަނޑައިލުމުން ހިތާމަކުރައްވާކަމަށް ކުރީގެ ހެލްތް މިނިސްޓަރ ޑރ. މަރްޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
އައިއެމްޑީސީ ހޮސްޕިޓަލުގެ ޙިއްޞާދާރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ޝަކީލާ ވިދާޅުވީ ހޮސްޕިޓަލުން ކަރަންޓް ބިލު ނުދައްކައި މަޑުކުރީ އެއްވެސް ހާލެއްގައި ސަރުކާރަށް ޖެއްސުންކުރަން ނުވަތަ އެބާވަތުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫން ކަމަށާއި ކުރިން އެންގުމަކާއި ނުލައި ކުއްލިއަކަށް އައްޑޫސިޓީގެ ވިޔަފާރިތަކުގެ ކަރަންޓްބިލު ރާއްޖޭގެ ރެކޯޑު އަދަދަކަށް ބޮޑުކުރުމުން އެކަމަށް ހައްލެއް ހޯދަން އައްޑޫގެ ވިޔަފާރިވެރިން ކުރި މަސައްކަތުގައި ހޮސްޕިޓަލު ވެސް ބައިވެރިވީ އެކަމަކީ މުޅި އައްޑޫ މުޖުތަމައުއަށް ކުރިމަތިވި ބޮޑު މައްސަލައަކަށްވާތީ އެބޮޑު މައްސަލަ ހައްލުކުރުމަށް އައްޑޫގެ ހުރިހައި ވިޔަފާރިވެރިން ކުރި މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
ޑރ. ޝަކީލާ ވިދާޅުވީ އައިސީޔޫގައި ބަލިމީހުން ބައިތިއްބައިގެން ފަރުވާދޭ، އަދި އެހެނިހެން ގޮތްގޮތުންވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަނަކުން ކަރަންޓު ކަނޑައިލާނަމަ އެކަން ކުރިއާލައި އަންގައިލުމަކީ އިންސާނިއްޔަތަށްޓަކައިވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
އައިއެމްޑީސީ ހޮސްޕިޓަލުން މިހާރު ވަނީ އަމިއްލަ ޖެނެރޭޓަރު ހިންގައި ކަރަންޓް ދޭން ފަށައިފައެވެ.