Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ކޮއްކޮ ހުޝީއާ އެކީ އަރުޖުންގެ ޕްރޮޖެކްޓެއް

ކޮއްކޮ ހުޝީ ކަޕޫރާ އެކީ ބޮލީވުޑްގެ ތަރި، އަރުޖުން ކަޕޫރް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރާކަން އިއުލާންކޮށްފި އެވެ.

އެ މީހުންގެ އިންސްޓަގްރާމް ސްޓޯރީގައި މުޅިން އަލަށް ދެބެއިން އެކީގައި އަލަށް އަންނަން އުޅޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޕޯސްޓްގައި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންވެ އަރުޖުން އާއި ހުޝީ އެކީގައި ފިލްމެއް ކުޅެނީތޯ ނޫނީ އިޝްތިހާރުކަން އެކީގައި ފެންނަން އުޅެނީތޯ ކަށަވަރެއް ނުވެ އެވެ.

މިދިޔަ އަހަރުގެ "ދި އާޗީސް" އިން އެކްޓިންގެ ދުނިޔެ އަށް ތައާރަފުވި ހުޝީ އަކީ އަރުޖުންގެ ތިން އަންހެން ކޮއްކޮއިންގެ ތެރެއިން އެންމެ ހަގު މީހާ އެވެ. އަދި އޭނަ އަކީ އަރުޖުންގެ އެއްބަފާ ކޮއްކޮއެކެވެ. ހުޝީ އާއި ބަތަލާ ޖާންވީ ކަޕޫރްގެ މަންމަ އަކީ ކުރީގެ މަޝްހޫރު ބަތަލާ، ސްރީދޭވީ އެވެ.

އަރުޖުންއާ އެއްބަނޑު އެއްބަފާ ކުއްޖަކީ ފިލްމީ ދާއިރާގައި ނޫޅޭ އަންޝުލާ ކަޕޫރެވެ. އެ މީހުންގެ ބައްޕަ އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ، ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ.

ހުޝީއާ އެކީ އަރުޖުން އެކީގައި އަންނަން އުޅޭކަމުގެ އިޝާރާތެއް ދީފައިވާ އިރު، ޖާންވީއާ އެކީ އަދި މިހާތަނަށް އަރުޖުން ފިލްމެއްގެ މަސައްކަތްކޮށްފައެއް ނުވެ އެވެ. ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިއަދު ސިނަމާތަކަށް ގެނައި "އުލާޖް" އެވެ.

ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކީ މި އަހަރުގެ ކުރީކޮޅު "ނާދާނިޔާން" ކިޔާ ފިލްމެއްގެ މަސައްކަތް ހުޝީ ނިންމާފައިވާ އިރު، އޭނަ މިހާރު އަންނަނީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ހިންދީ ރިމޭކްގައި އާމިރު ޚާންގެ ދަރިފުޅު، ޖުނައިދު ޚާނާ އެކީ މަސައްކަތް ކުރަމުންނެވެ.