ޓީޗަރަކަށް ބޭނުންވެގެން އޭ ލެވެލް އަށް ކިޔާ ދަރިިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1،500ރ. ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ތައުލީމީ ދާއިރާގެ މުސްތަގުބަލު އޮތީ ޓީޗިން ދާއިރާ އަށް ވީހާ ވެސް ފެންވަރު ރަނގަޅު މީހުން ވަދެގެން ކަމަށެވެ. އެހެންވެ އެ ދާއިރާ އަށް ވަންނަން ބޭނުންވާ މީހުންނަކީ މަތީ ސާނަވީ ފުރިހަމަަކޮށް، ދާއިރާ އަށް ޝައުގުވެރިވާ ބަޔަކަށްވުން ވަރަށް މުހިއްމު ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިކަމަށް ޝައުގުވެރިކަން ވެސް އުފެއްދުމުގެ ގޮތުން މި އަހަރު ގުރޭޑް 11 އަށް ވަންނަ ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 1،500ރ. ކޮންމެ މަހަކު ސަރުކާރުން ދޭން ނިންމާފައިވާ ކަމަށެވެ. އަހުމަދު އެ ފައިސާ ދޭނީ، ޓީޗަރުން ތަމްރީނު ކުރުމުގެ މަޝްރޫއުގެ ތެރެއިން ދަރިވަރުންނާއި މައިންބަފައިންނާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
އެގޮތުން އެއްބަސްވުމުގެ އެ ދަރިވަރަކު އޭ ލެވެލް ނިންމާފައި ކެރިއަރެއެއްގެ ގޮތުގައި ވަކި މާއްދާއެއް ނަގައިގެން ޓީޗިން ދާއިރާއިން ކުރިއަށް ދާން ޖެހޭނެ އެވެ.
"އޭރުން އޭ ލެވެލް ހަދަމުންދާއިރު އެކުދިން އެ ދަނީ ޓީޗިން ކެރިއަރގެ ޕާތްވޭ ނަގައިގެން، ޤައުމު ބިނާކުރުމަށް މުދައްރިސަކަށް ވުމަށްޓަކައި އަޒުމް ކަނޑައަޅައިގެން." އަހުމަދު ވިދާޅުވި އެވެ.
ޓީޗިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ގުރޭޑް 11 ކުރިއަށް ގެންދާނީ ފައުންޑޭޝަން ލެވެލްގެ ކޯހެއް ގޮތަށް ފަރުމާ ކުރެވިގެން ކަމަށާއި އޭ ލެވެލްގެ ކޮންޓެންޓް ކިޔަވަމުން އަންނަ އިރު، އެ ދަރިވަރުން ތިބޭނީ ޓީޗިން ކޯހަށް ވަނުމަށް ތައްޔާރުވެފައި ކަމަށް ވެސް އަހުމަދު ވިދާޅުވި ވެ.
އޭނަ ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެ ނިސްބަތް މަދުކޮށް، މުޅިން ވެސް ރަސްމީ ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން ތިބޭނެ ހިސާބަށް ޓީޗިން ދާއިރާ އަށް ކުރިއަށް ގެންދިއުން ކަމަށެވެ.
ރާއްޖޭގައި މިހާރު 10،000 އެއްހާ ޓީޗަރުން މަސައްކަތް ކުރާ އިރު، އޭގެ ތެރެއިން 2،000 އަކީ ބިދޭސީ ޓީޗަރުންނެވެ.
"މިއީ ގައުމެއްގެ ޓީޗިންގ ފޯހެއްގެ ވަރަށް ބޮޑު ނިސްބަތެއް ތަމްސީލު މި ކުރަނީ ބިދޭސީ ޓީޗަރުން،" އަހުމަދު ވިދާޅުވި އެވެ. "އެބަ ޖެހޭ ޓީޗަރުންނަކީ ދޭސީންނަށް ހަދަން ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ ކުރިމަގެއް ފެންނަން އޮތީ."
މިކަމަށް އަމާޒުކޮށްގެން އަންނަ މަހުގެ ތެރޭގައި ޓީޗަރުން ބިނާކުރަން ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް މީގެ ހަފުތާއެއް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއުލާން ކުރައްވާފައިވެ އެވެ.