އެމްޑީޕީގެ ގައުމީ މަޖިލީހަށް ގިނަ އަންހެނުން އިންތިހާބުވުމަކީ ކުރިއެެރުމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހަށް ގިނަ އަންހެން ކެންޑިޑޭޓުންތަކެއް އިންތިހާބުވުމަކީ ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް މިއަދު އިންތިހާބުވެވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވަން. މި އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނާއި ވޯޓު ދެއްވި ޕާޓީގެ ހުރިހާ މެމްބަރުންނަށް އަދި އިލެކްޝަންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމްކޮއް…
— Fayyaz Ismail (@faya_i) August 2, 2024
އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯދި އަންހެން ކެންޑިޑޭޓުންގެ ތެރޭގައި، ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ކަމަށް އިންތިހާބުވީ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ހުޅުމާލެ މެދު ދާއިރާގެ ރައީސް ކަމަށް އިންތިހާބުވި ސަފާތު އަހުމަދު ޒާހިރު އާއި މާފަންނު އުތުރު ދާއިރާގެ ރައީސް ކަމަށް އިންތިހާބުވި އިފްހާމް ހުސެއިންގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް ކަމަށް އިންތިހާބުވި ހަދީޖާ މުހައްމަދު ހިމެނެ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަންއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ ދާއިރާގެ މަގާމުތަކަށް ފަރާތްތައް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެކެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ ޕާޓީގެ ޗެއާޕާސަން، ރައީސް، ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް އެވެ.