Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

އިސްލާމިކް މިނިސްޓަރު ސައުދީ އަށް ވަޑައިގެންފި

މާދަމާ ސައުދީ އަރަބިއްޔާފައި ފަށާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެ ގައުމަށް ވަޑައިގެންފި އެވެ.

މިނިސްޓަރާ އެކީ މި ދަތުރުގައި، އިސްލާމިކް މިނިސްޓްރީގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރު ޝައިޚް އިމްތިޠާއު ޢައްބާސް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ދަތުރު ނިންމަވާލެއްވުމަށް ފަހު އިސްލާމިކް މިނިސްޓްރީގެ ވަފުދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.

މައްކާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުގެ 9 ވަނަ ކޮންފަރެންސަކީ ސައުދީ ރަސްގެފާނު ސަލްމާނު ބިން ޢަބްދުލް ޢަޒީޒް އާލް ސުޢޫދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގެ މައުޟޫއަކީ "މެދުމިނުގެ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަގުތައް ވަރުގަދަކުރުމުގައި އިސްލާމިކް މިނިސްޓްރީތަކުގެ ދައުރު" އެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ 60 އަށް ވުރެ ގިނަ އިސްލާމީ ޤައުމުތަކުގެ ދީނީ ވުޒާރާތަކުގެ ވަޒީރުންނާއި، މުފްތީންނާއި، އިސްލާމީ މަޖިލިސްތަކާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެގޮތުން ކޮންފަރެންސްގެ މައުޟޫއާ ގުޅޭ ދިރާސާތަކުގެ މައްޗަށް މަޝްވަރާކުރުމަށް 10 ޖަލްސާއެއް ކުރިއަށް ގެންދާެ އެވެ.

އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތައް ޒަމާނީ މަފްހޫމުތަކުގެ އަލީގައި ބަޔާންކުރުމާއި، ދީނީ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެ އެވެ. އަދި އިސްލާމްދީނާއި މުސްލިމުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމުގެ "އިސްލާމިކް ފޯބިއާ" ގެ މައްސަލައަށް ހައްލު ހޯދުމަށް ޚިޔާލު ބަދަލުކުރެވިގެން ދާނެ އެވެ.

މީގެ އިތުރުން ދީނާ ގުޅުންހުރި އެކިއެކި ދާއިރާތަކުގައި އިސްލާމީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވުޒާރާތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކުން ކޮށްފައިވާ ތަޖްރިބާތައްވެސް ހިއްސާކުރެވިގެންދާނެ އެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޒަމާނީ ގޮތެއްގައި އިސްލާމީ ދަޢުވަތު ފުޅާކުރާނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރެވިގެން ދާނެ އެވެ.