އަންނަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ނިންމާފައިވާ ފިލްމު "ސާޔާ" ވާނީ މި އަހަރު ސްކްރީނަށް އަންނަ އެންމެ ތަފާތު ފިލްމަށް ކަމަށް އޭގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނެފި އެވެ.
ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޕްރޮޑިއުސަރު ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމަކީ މިހާތަނަށް ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ބިރުވެރި އަދި އެންމެ އަސަރުގަދަ ލޯބީގެ ފިލްމަށް ވާނެ ކަމަށެވެ.
"ސާޔާ ވެގެން ދާނީ އޮލިމްޕަސް ތިއޭޓަރު ގުގުމާލާ ވަރުގެ ބިރުވެރި ފިލްމަކަށް،" ޝަފީގު ބުންޏެވެ. "އަދި މިއަހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ އެންމެ ތަފާތު ފިލްމަށް."
"ސާޔާ" ގައި ދައްކުވައި ދޭނީ ހަނީމޫނަށް ފަޅުރަށަކަށް ދާ ދެމަފިރިއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ. މީގެ ލީޑް ތަރިންނަކީ ޔޫއްޕެ އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އިބްރާހީމް ޖިހާދު (ޖިމީ) އެވެ.
"ސާޔާ" އަކީ މި އަހަރު އޮލިމްޕަށް ގެންނަ ދެވަނަ ބިރުވެރި ފިލްމެވެ. އަދި މި އަހަރު ސިނަމާ އަށް ގެންނަ ހަ ވަނަ ފިލްމެވެ.
އެންމެ ފަހުން ބޭއްވި 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގައި 2018 ގެ "ދެވަންސޫރަ" އިން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެކްޓަރުގެ އިތުރުން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ވެސް ހޯދި ޔޫއްޕެ މިިދިޔަ އަހަރު ވެސް ބިރުވެރި ފިލްމެއް ގެނެސް ދީފައިވެ އެވެ. އެއީ "ކަޅަކި" އެވެ.
އޭނަ ގެނެސްދީފައިވާ އިތުރު ބިރުވެރި ފިލްމުތަކުގެ ތެރޭގައި "ދައުވަތު" އާއި "އެ ދަތުރު" ވެސް ހިމެނެ އެވެ.