ކަރަންޓު ބިލު ހެދުމުގައި މަކަރު ނަހަދާ ކަމަށާއި އަދި ބިލު ބޮޑު ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސާވިސް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައިފް ވިދާޅުވީ ސްޓެލްކޯއިން ފޮރުވާނެ އެއްވެސް އެއްޗެއް ނެތްކަމަށާއި ކަރަންޓު ބިލު ހެދުމުގައި އޮޅުވާލާނެ ކަމެއް ނެތް ކަމަށެވެ. އަދި ބިލް ބޮޑުކޮށް އިތުރަށް ލާރި ހޯދުމުގެ އެއްވެސް ކަމެއް ސްޓެލްކޯއިން ނުކުރާނެ ކަމުގެ ޔަގީންކަންވެސް އަރުވާފައިވެއެވެ.
ސައިފް ވިދާޅުވީ މިހާރުވެސް ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން މީޓަރުތައް ޗެކު ކޮށްދޭ ކަމަށާއި އަދި ދެންވެސް ބިލުބޮޑު ކަމަށް ފާހަގަކުރެވޭ ފަރާތްތަކުން ޗެކު ކުރުމަށް އެދޭނަމަ ސްޓެލްކޯއިން އެގޮތަށް ޗެކު ކޮށްދޭނެ ކަމަށެވެ.
"އެހެންމަ ތިބޭފުޅުން އެ ޔަގީންކަން ބާއްވާށޭ، ސްޓެލްކޯއަކުން މަކަރެއް ނުހަދާނެ. ސްޓެލްކޯއަކުން ބިލް ބޮޑެއް ނުކުރާނެ. އެޔަގީންކަން އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭން ބޭނުން." ޖެނެރަލް މެނޭޖަރު ސައިފް ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަހުމަދު އިގްބާލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ބިލުތައް ބޮޑުވުމުގެ ޝަކުވާ ސްޓެލްކޯއަށް ލިބޭ ކަމަށެވެ. އެހެންނަމަވެސް މިއަހަރު ޝަކުވާ ލިބުމުގައި ދިގުދެމިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އިގްބާލު ވިދާޅުވީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކޮށް އެކަންކަން ބުނެދިނުމަކީ ސްޓެލްކޯއިން ބޭނުންވާ ގޮތްކަމަށެވެ. އެހެންކަމުން ބިލު ބޮޑުވެފައިވާ ކަމަށްބުނާ ކަސްޓަމަރުންނާ ބައްދަލުކޮށް، ވެފައި ހުރިގޮތް ކިޔައިދީ ހައްލު ކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދޭނެ ކަމަށެވެ.
މީގެއިތުރުން ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ސްޓެލްކޯއިން ބިލް ހަދަނީ މީޓަރުން ފެންނަން ހުންނަ ވަރަށް ކަމަށެވެ. އަދި ކަރަންޓު ބިލަށް ބަދަލު އަންނަނީ ސްޓެލްކޯއިން ކުރާ ކަމުން ނޫންކަމަށާއި އެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ.