ޖޫން މަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ބަތަލާ ހީނާ ޙާން ބޯ ބާލައިފި އެވެ.
އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަން ފެށުމާ އެކީ އޭނަގެ ދިގު އިސްތަށިގަނޑު ކުރިން ކުރުކޮށް ކޮށައި ވެސް ލި އެވެ. ނަމަވެސް މިހާރު މިހާރު ނަގަމުން އަންނަ ކީމޯތެރަޕީ ފަރުވާގެ ތެރޭގައި ބޮލުން އިސްތަށިފައިބަމުންދާތީ ހީނާ ވަނީ ބޯ ބާލައިފަ އެވެ.
އޭނަ މިކަމާ ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
އެ ވީޑިއޯގައި 36 އަހަރުގެ ބަތަލާ ބުނީ މިހާރު ބޮލަށް އަތްލާ ކޮންމެ ފަހަރަކު ގިނަ އަދަދަކަށް އިސްތަށި ފައިބާކަން ފާހަގަވާ ކަމަށާއި އެހެންވެ އެކަމާ ހިތްދަތިވެގެން އުޅުމުގެ ބަދަލުގައި، މި ދަނޑިވަޅުގައި ބޭނުން ވަނީ ފަރުވާގެ ތެރޭގައި ދިމާވާ ހުރިހާ ކަމަކާ ވަރަށް ހިތްވަރާ އެކީ ކުރިމަތިލާން ކަމަށް ބުންޏެވެ.
އެހެންވެ މި ވަގުތު ބޯ ބޭލުމަކީ އިސްތަށިގަނޑާ މެދު ކުރަން ޖެހޭ ފިކުރާ ދުރަށް ގޮސް، ފަރުވާ އަށް ފޯކަސް ކުރެވޭނެ ކަމަކަށް ވާނެ ކަމަށް ހީނާ ބުންޏެވެ. އޭނަ ބުނީ ބައްޔާ ހަނގުރާމަ ކުރަން ބޭނުން ވަނީ ވަރަށް އީޖާބީކޮށް ކަމަށެވެ. އަދި މިފަދަ ހާލަތެއްގެ ޝިކާއަރައަކަށްވެފައިވާ އެހެން މީހުންނަށް ހިތްވަރު ދެވޭ އަދި ނަމޫނާއަކަށް ވާން ބޭނުންވާ ކަމަށް ވެސް ހީނާ ބުންޏެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުޅުނު އަކްޝަރާގެ ރޯލުން މަޝްހޫރުވި ހީނާ އަށް އުރަމަތީގެ ކެންސަރު ޖެހުނުކަން އިއުލާންކުރީ ޖޫން މަހުގެ 28 ގަ އެވެ.
އޭގެ ފަހުން އޭނަ އަންނަނީ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ސޯޝަލް މިޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.