މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރަކަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ ހަފުތާގައި އައްޔަންކޮށްފައި ވަނިކޮށް އެތަނަށް މުޅިން އާ ކާރެއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނީ ބިލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
އެމްއެމްއޭ އިން ބުނީ ބީލަން ހުށަހެޅޭނީ ރަޖިިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. މި ބީލަމާ ބެހޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ މި މަހުގެ 15 ގެ ކުރިން މި މެއިލް procurement@mma.gov.mv މެދުވެރިކޮށް މައުލޫމާތު ސާފުކުރަން ވެސް އެދިފައިވެ އެވެ.
މިދިޔަ މަހުގެ 31 ގައި މުނައްވަރު ގަވަރުނަރަކަށް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާޝިމު މަގާމުން ވަކިކުރުމަށް ފަހު އެވެ. ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަންކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.