Last Updated: December 25, 21:46
Thursday, December 26, 2024
ދުނިޔެ

ގާޒާގެ ދެ ސްކޫލަކަށް ބޮން އަޅައިފި، 30 މަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދެ ސްކޫލަކަށް ބޮން އަޅައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ބޮން އަޅާފައިވަނީ ގާޒާގެ ހަސަން ސަލަމާ އަދި އަލް ނަސްރު ސްކޫލަށެވެ. މި ހަމަލާތަކުގައި 30 މީހަކު ޝަހީދުވެފައިވާއިރު، މީގެތެރެއިން ގިނައީ ކުޑަކުދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެސް ގިނަ ބަޔަކު އެބަތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލު އަސްކަރިއްޔާ އިން ތުހުމަތު ކުރާ ގޮތުން މި ދެ ސްކޫލަކީ ވެސް ހަމާސް ޖަމާއަތުން ހަމަލާތައް ރާވައި އަދި ހަތިޔާރު ރައްކާކުރަމުންދާ ސްކޫލްތަކެކެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 39،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.