ދަ ޑިމޮކްރެޓްސް އަކީ މި ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް އިން ދާދިފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ބާއްވާފަ އެވެ. ޑިމޮކްރެޓްސްގެ ބައެއް އިސް ފަރާތްތަކަށް ސަރުކާރުން ވަޒީފާތަކެއް ދޭން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ފެތުރިފައިވެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަމުން ހަސަން ވިދާޅުވީ ރައީސް މުއިއްޒާއި ބައްދަލުކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން ފައްޓަވާ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ވާހަކަ ދެންނެވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން ކަންކަމުގައި ދެކޭ ގޮތާއި، ވިސްނާ ގޮތް ގާނޫނު އަސާސީ އިސްލާހު ވެގެން އަންނައިރު ހިމެނެންޖެހޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވީއެއް ނޫން އަދި. އެގޮތަށް އެ މަސައްކަތް ކުރަން ނިންމީއެއް ވެސް ނޫން،" ހަސަން ވިދާޅުވި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރެވޭއިރު ބައެއް ދާއިރާތަކުގައި ވަކި ގޮތަކަށް ކަންކަން ހުންނަން ބޭނުންވާކަން ފާހަގަކޮށް ރައީސް މުއިއްޒަށް ލިޔުމެއް ވެސް އަރުވާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭގޮތުން ރައީސްއާ ބައްދަލުކުރުމަކީ އެއްވެސް ބަޔަކު ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށާއި މީގެކުރިން ވެސް ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުން ގާނޫނު އަސާސީ އިސްލާހު ކުރަން ބާރުއަޅައި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމެއް ކަމަށްވެސް ހަސަން ވިދާޅުވި އެވެ.