Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

އިންޑިއާ ސިފައިން ނެތޭ ބުނުމަކީ ހަމަ ޖޯކެއް

ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ސަރުކާރުން މިހާރު ބުނުމަކީ ޖޯކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ ރާއްޖޭގައި ހަމަކުރިއެކޭ އެއްގޮތަށް އިންޑިއާ ސަފައިން އެބަތިބި ކަމަށާއި ބޭލުވީ ހަމައެކަނި އެ މީހުންހެ ހެދުން ކަމަށެވެ. އޭނަ ވިދާޅުވީ އިންޑިއާ އިން ސިފައިން މިހާރު ރާއްޖޭގައި ނެތް ކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކާ އިރު، އެއީ މުޅިން "ނޮންސެންސް" ކަމަށެވެ.

އިންޑިއާ ސިފައިން ބާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެ، އެ ވައުދާ އެއްގޮތަށް އަމަލު ނުކުރައްވައި، ހަގީގަތް ފޮރުވަން މިހާރު މަސައްކަތް ކުރެއްވުމަކީ ދެރަ އަދި ލަދުވެތި ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެއްވެސް ހައިސިއްޔަތަކުން އިންޑިއާ ސިފައިން އަދި އެ ނޫން ވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު ދީގެން ތިބެން ނުޖެހޭ މުހިއްމު ސަބަބުތައް ވެސް އުމަރު ހިއްސާކުރެއްވި އެވެ. އޭނަ ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން އެހެން ގައުމެއްގައި ތިބުމަކީ އެ ގައުމުގެ ސިޔާސަތަށް ނުފޫޒު ފޯރުވައި، އެ ގައުމަކުން ވިޔަފާރިގެ ތެރެއަށް ވަދެ، އިގުތިސާދު އެ ބައެއްގެ ބާރުގެ ދަށަށް ގެނައުމާއި އެ ގައުމުގެ ސަލާމަތީ ކަންކަމުގެ ކޮންޓްރޯލް ނެގުމާއި އެ ގައުމެއްގެ ހާރިޖީ ސިޔާސަތުތަކަށް ވެސް ނުފީޒު ފޯރުވަން ދެވޭ ފުރުސަތެއް ކަމަށެވެ.

އެގޮތުން އިންޑިއާގެ ނުފޫޒު މިހާރު ރާއްޖެ އަށް ވަރަށް ބޮޑު ކަމަށާއި އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭޖެ ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އިންޑިއާއާ އެއްގޮތަކަށް ވެސް ދެކޮޅު ނޫން ކަމަށާއި ދެކޮޅުީއެ ގައުމުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބުމާ ކަމަށެވެ.

"އަޅުގަނޑަކީ އިންޑިއާ އައުޓް އެއްވެސް ތާކު ގޮވި މީހެއް ވެސް ނޫން. އިންޑިއާ އަކީ އަބަދު ވެސް ރާއްޖެ އަށް މުހިއްމު ބައިވެރިއެއް،" އުމަރު ވިދާޅުވި އެެވެ. "އަޅުގަނޑު ދެކޮޅީ އިންޑިއާގެ މިލިޓަރީ މިތާނގައި އޮންނާނީ. އެކަމަކު އިންޑިއާ އައުޓް ޖަހައިގެން ނުކުމެ އެކަމަށް ގޮވަލި މީހުން މި އުޅެނީ އިންޑިއާ ސިފައިން ބާލަން ނުކެރިގެން."

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށާއި އެ އެއްޗެހީގެ މެއިންޓަނަންސަށް ތިބި އިންޑިއާގައި ސިފައިން ފޮނުވާލައި، މިހާރު އެ މަސައްކަތުގައި ތިބީ އެ ގައުމުގެ މަދަނީންނެވެ.