އާއިލީ ކަމެއް ދިމާވުމުން ކަމަށްބުނެ ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރު ހައިދަރާ ކުރުމަށް ފޮނުވާފައިވާ ސުވާލު އެޖެންޑާ ކޮށްފައެވެ.
މެންބަރު މުހައްމަދު އިބްރާހިމްގެ ސުވާލުގައި ވަނީ، ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިންވަކިކޮށް ބިން ހަވާޅު ކުރަން ފެށޭނީ ކޮން ދުވަހުންތޯއެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ހިސާބެއްގައިތޯވެސް ސުވާލު ކޮށްފައިވެއެވެ. މީގެއިތުރުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ކާމިޔާބުވީ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކުރޭނީ ކޮންއިރަކުންތޯވެސް ސުވާލު ކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ، ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން މިއަދު ވަޑައިގަނެވެން ނެތްކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މިނިސްޓަރު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ދެން އެންމެ އަވަހަށް މި ސުވާލު އުޖެންޑާ ކުރެވެން އޮތް ދުވަހަކަށް އެ ސުވާލު އެޖެންޑާ ކުރާނެ ކަމަށް ވިދާޅުވިއެވެ.