ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް އަނެއްކާ ވެސް ވެބް ސީރީޒެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ހުނަރުވެރި ބަތަލާގެ އާ ސީރީޒަކީ އަންހެން ސީރިއަލް ކިލާއެއްގެ ވާހަކަ ކިޔައިދޭ "މިސިޒް ދޭޝްޕާންޑޭ" ކަމަށެވެ. މީގެ ޑައިރެކްޓަރަކީ "އިގުބާލް" އާއި "ޑޯރް" އަދި "މޯޅް" ފަދަ ފިލްމުތައް ގެނެސްދިން ނާގޭޝް ކުކްނޫރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ތެލެގޫ ފިލްމު "ގުޑް ލަކް ސާކީ" އެވެ.
މިޑް-ޑޭ އިން ބުނީ މަދޫރީގެ ވަރަށް "ޑާކް" ރޯލެއް ފެންނާނެ "މިސިޒް ދޭޝްޕާންޑޭ" އަކީ ފްރާންސް ސީރީޒެއް އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށާއި އޭގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ، 57، ގެ ފުރަތަމަ ވެބް ސީރީޒަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2022 ގެ "ދަ ފޭމް ގޭމް" އެވެ. އަދި އޭނަގެ އެންމެ ފަހުގެ ފިލްމަކީ އެ އަހަރުގެ "މަޖާ މާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ނޮވެމްބަރުގައި ރިލިޒްކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ ރޯލަކުން މަދޫރީ ފެންނާނެ އެވެ.