Last Updated: November 25, 11:46
Monday, November 25, 2024
ޚަބަރު

މިނިސްޓަރުންގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ޝަހީމު

ސުޢޫދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުންގެ 9 ވަނަ ކޮންފަރެންސްގެ ފަސް ވަނަ ދަންފަޅީގެ ރިޔާސަތު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަލަހައްޓަވައިފި އެވެ.

އެ ދަންފަޅީގެ ޝިޢާރަކީ "މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު" އެވެ.

ހޮނިހިރު ދުވަހު މައްކާގައި ފެށި ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުން ވެސް ބައިވެރިވެ އެވެ.

މި ކޮންފަރެންސަކީ ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން ޢަބްދުލް ޢަޒީޒް އާލް ސުޢޫދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގެ މައިގަނޑު މައުޟޫއަކީ "މެދުމިނުގެ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަގުތައް ވަރުގަދަކުރުމުގައި އިސްލާމިކް މިނިސްޓްރީތަކުގެ ދައުރު" އެވެ.

ކޮންފަރެންސްގައި ޤައުމުތަކުގެ ދީނީ ވުޒާރާތަކުގެ އިސްލާމިކް މިނިސްޓަރުންނާއި، މުފްތީންނާއި، އިސްލާމީ މަޖިލިސްތަކާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެގޮތުން ކޮންފަރެންސްގެ މައުޟޫއާ ގުޅޭ ދިރާސާތަކުގެ މައްޗަށް މަޝްވަރާކުރުމަށް 10 ޖަލްސާއެއް އޮންނާނެ އެވެ.

އެގޮތުން މީގެ ތެރޭގައި އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް ޒަމާނީ މަފްހޫމުތަކުގެ އަލީގައި ބަޔާންކުރުމާއި، ދީނީ ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މިކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެ އެވެ. އަދި އިސްލާމްދީނާއި މުސްލިމުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމުގެ "އިސްލާމިކް ފޯބިއާ" ގެ މައްސަލައަށް ހައްލު ހޯދުމަށް ޚިޔާލު ބަދަލުކުރެވިގެން ދާނެ އެވެ.

މީގެ އިތުރުން ދީނާ ގުޅުންހުރި އެކިއެކި ދާއިރާތަކުގައި އިސްލާމީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވުޒާރާތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކުން ކޮށްފައިވާ ތަޖްރިބާތައްވެސް ހިއްސާކުރެވިގެންދާނެ އެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޒަމާނީ ގޮތެއްގައި އިސްލާމީ ދަޢުވަތު ފުޅާކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިގެން ދާނެ އެވެ.

ކޮންފަރެންސް ނިންމަވައިލެއްވުމަށް ޝަހީމް ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.