Last Updated: November 27, 08:58
Wednesday, November 27, 2024
ޚަބަރު

ކަރަންޓު ބޭނުންކުރުމާ ގުޅޭ ދިރާސާއެއް ހަދަނީ

ކަރަންޓު ބޭނުން ކުރުމާ ގުޅޭ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި ގައުމީ ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އަދި އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

އެ އެއްބަސްވުމުގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ސައްހަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.

އެ ދިރާސާގައި ފާއިތުވި 10 އަހަރު ގެ ޑޭޓާ އިވެލުއޭޓް ކުރާނެކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯގެ ކަރަންޓު ބިލްތައް ދިރާސާކޯށް ހާސިލް ކުރަން އަމާޒުހިފާފައިވާ ކަންކަން:

– ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
– ބިލްކުރުމުގެ ސައްހަކަން ވަޒަންކުރުން
– ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުން
– ކަސްޓަމަރުންގެ ހިތްހަމަޖެހުން
– މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު

ސްޓެލްކޯއިން ހާމަކުރި ދިރާސާގައި އިތުރަށް ހާސިލް ލުރަން ބޭނުންވާ ކަންކަން:

1. ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުން

2. އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން

3. މީޓާ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ސައްހަކަން ކަށަވަރުކުރުން

4. ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުން

5. ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުން

6. ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލު ދެނެގަތުން

7. ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ހިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން