Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ކާޖޮލްގެ 4 ފިލްމެއް؛ މިވަރު މަދެއް ނޫން!

އިންޑިއާގެ ބަތަލާ ކާޖޮލް އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ފެވަރިޓެކެވެ. މިއަދު އޭނަގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު، ހުނަރުވެރި ބަތަލާ ވަނީ މަގުބޫލު އަދި އެހާމެ މަޝްހޫރު އެތައް ފިލްމެއް ކުޅެފަ އެވެ. އެކްޓަރު އަޖޭ ދޭވްގަންއާ ކައިވެނިކޮށް ދެ ކުދިން ވެސް ތިބި ކާޖޮލް މިހާރު ފިލްމުތަކުން ފެންނަލެއް މަދުކަމުން އެކަމުގެ މާޔޫސީކަން ފޭނުންގެ މެދުގައި ބޮޑެވެ.

އެކަމަކު އުފާވެރި ޚަބަރަކީ އޭނަގެ އަތުގައި މިހާރު ވެސް ހަތަރު ފިލްމެއް އެބައޮތް ކަމެވެ. އޭގެ ތެރެއިން ތިން ފިލްމެއްގެ ޝޫޓިން އޮތީ އެއްކޮށް ނިމިފަ އެވެ.

މީގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ ކާޖޮލް އަލަށް ފުލުހެއްގެ ރޯލުން ފެންނާނެ ތުރިލާ "ދޯ ޕައްތީ" އެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ މި ފިލްމުގެ ކާސްޓްގައި ކްރިތީ ސެނަން ވެސް ހިމެނެ އެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު، އިބްރާހީމް އަލީ ޚާން ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމު "ސަރުޒަމީން" އަކީ ވެސް ކާޖޮލްގެ ރޯލެއް ހިމެނޭ ފިލްމެކެވެ. ކެޔޯޒް އިރާނީ ޑައިރެކްޓްކޮށްފައިވާ މި މިސްޓްރީ ތުރިލާގެ ކާސްޓްގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.

ކެރިއަރުގައި ކާޖޮލްގެ އަލަށް ކުޅުނު ބިރުވެރި ފިލްމު/ސައިކޮލޮޖިތަލް ތުރިލާ "މާ" އަކީ ވެސް ބެލުންތެރިންނާ ހަމައަށް އަންނަން އޮތް ފިލްމެކެވެ. މިއީ ވިޝާލް ފޫރިއާގެ ޑައިރެކްޝަނެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "މާ" ގެ ކާސްޓްގައި އަޖޭ ވެސް ހިމެނެ އެވެ.

ހަތަރު ވަނަ ފިލްމަކަށް އޮތީ އެކްޝަން ރޯލަކުން ކާޖޮލް ފެންނާނެ "މަހާރާގްނީ: ކްއީން އޮފް ކްއީންސް" އެވެ. ތަރަން ތޭޖް ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ކުރިއަށްދާ އިރު، މީގެ ޓީޒާއެެއް ވެސް ދާދި ފަހުން ދައްކައިލި އެވެ. "މަހާރާގްނީ" ގެ ކާސްޓްގައި ޕްރަބޫދޭވާ، ނަސީރުއްދީން ޝާހް، ޖިއްޝޫ ސެންގުޕްތާ އަދި ޒުވާން އެކްޓަރު އަދިތިޔާ ސީލް ވެސް ހިމެނެ އެވެ.

ކާޖޮލްގެ ހަތަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭން އޮތް ނަމަވެސް އެއްވެސް ފިލްމެއް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ އެންތޮލޮޖީ "ލަސްޓް ސްޓޯރީސް 2" އެވެ.

"ބޭހުދީ" އިން 1992 ގައި އެކްޓިން އަށް ނުކުތް ބަަތަލާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބާޒީގާރު"، ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ)، "ކަަރަން އަރުޖުން"، "ގުޕްތު"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "ދިލް ކިޔާ ކަރޭ"، "ޕިޔާރު ތޯ ހޯނާ ހީތާ"، "ފަނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.