ރައީސް ޑރ. މުހައްމަދު އެއްވެސް ކަމަކަށް "ރިއެކްޓެއް" ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މި ސަރުކާރަށް މިވީ 8 މަސް ދުވަހުގެ ތެރޭގައި އެކި ފެންވަރުގައި އެކި ފަރާތްތަކުން މުޒާހަރާތަކަށް ނިކުމެފައިވާ ކަމަށާއި އެގޮތުން ވެެހިކަލްތައް ޓޯ ކުރާ މައްސަލާގައި ޒުވާނުން މުޒާހަރާ އަށް ނިކުތްއިރު، މަސްވެރިންނާއި އޮޑިވެރިން މުޒާހަރާ ކުރިއިރު އެންމެފަހުން ޓެކްސީ ދުއްވާ މީހުން ވެސް މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި ފްލެޓް ނުލިބިގެންނާއި ކަރަންޓް އަގުބޮޑުވެގެން ވެސް މުޒާހަރާތަކެއް ކޮށްފައިވާ ކަމަށާއި މި ކަންކަން ރަނގަޅު ކުރަން ސަރުކާރަށް މިހާރު އަޑު އިވެންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެކަން ހައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅެއް ފެންނަން ނެތް ކަމަށާއި ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ސަރުކާރުން އަމަލުކުރުމަކީ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ރައްޔިތުން މި ދަތީގައި ތިން ހަތަރު މަސް ހޭދަކޮށްފައިވާ ކަމަށާއި އެކަމަކު ސަރުކާރު އޮތީ މިކަމުގައި ވެސް ނިދާފައި ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރީގައި އެނގިގެން ދިޔައީ، އިބްރާހިމް މުހައްމަދު ސޯލިހާއި ބެހޭގޮތުން އަނބިކަނބަލުން ވިދާޅުވި، ކިތަންމެ މިކަހަލަ އުނދަގޫ މައްސަލައެއް އަޔަސް ރިއެކްޓެއް ނުކުރައްވާނެއޭ. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ، ރިއެކްޓެއް ނޫން އެހެން އެއްޗެއް ވެސް ނުކުރައްވަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު ކަރަންޓު ބޭނުން ކުރުމާ ގުޅޭ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި ގައުމީ ޔުނިވާސިޓީން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.