ފެނަކަ އިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި ސޯލާ ހަރުކުރަން ނިންމައިފިއެވެ.
އެ ކުންފުނީގެ އިންހައުސް ސޯލާ ޕްރޮގްރާމްގެ ދަށުން ސޯލާ ހަރުކުރަން ނިންމާފައި ވަނީ ފެނަކަ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގެ ފުރާޅުގަ އެވެ. އެގޮތުން އިންހައުސް ސޯލާ ޕްރޮގްރާމްގެ ދަށުން ޖުމްލަ 5.2 މެގަވޮޓް ސޯލާ ހަރުކުރެވޭނެ ކަމަށާއި މި މަޝްރޫޢުގެ އަގަކީ 92 މިލިއަން ރުފިޔާ ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ސަބަބުބް އަހަރަކު 2.6 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލް ކަމަށެވެ.
މި މަޝްރޫގެ ދަށުން 18-30 ކިލޯ ވޮޓްގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރަން ނިންމާފައިވާ އިރު މި މަޝްރޫޢު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ. ތެލަަށް ބަރޯސާވުން ކުޑަކުރިން ފެނަކައިން މިހާރު ވެސް އަންނަނީ އެ ކުންފުނިން ހިދުމަތް އެކި ރަށްރަށުގައި ތަފާތު އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ އަށް ދޭ ސަމާލުކަން އަންނަނީ އިތުރު ކުރަމުންނެވެ.
އެގޮތުން ފެނަކައިން ވަނީ އެ ކުންފުނިން ޙިދުމަތް ދޭ 8 ރަށެއްގެ އިންޖީނުގެތަކާއި އޮފީސް އިމާރާތުގައި ފާއިތުވި ދެ އަހަރުތެރޭ 191 ކިލޯ ވޮޓްގެ ސޯލާ ނިޒާމު ހަރުކޮށްފަ އެވެ. އަދި އެހެން ބައެއް މަޝްރޫރުތަކުގެ ދަށުން ފެނަކައިން ޙިދުމަތް ދެމުން ގެންދާ ރަށްތަކުގައި ޖުމުލަ 14 މެގަވޯޓްގެ ސޯލާ ނިޒާމު އިންސްޓޯލްކޮށް މިހާރުވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ފެނަކައިން ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން "ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން" ވެސް ފެނަކައިން ސޯލާ ހަރުކުރުމުގެ މަޝްރޫއެއް ވެސް ފަށައިވެ އެވެ.