Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ސަން އޮފް ސަރުދާރު 2" ފެށީ ޔޫކޭ އިން

މީގެ 12 އަހަރު ކުރިން ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު އެކްޝަން ކޮމެޑީ "ސަން އޮފް ސަރުކާރު" ގެ ދެވަނަ ބައިގެ ޝޫޓިން އިނގިރޭސިވިލާތުގައި ފަށައިފި އެވެ.

ލަންޑަންގައި ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ. "ސަން އޮފް ސަރުދާރު 2" ގެ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ނެގުމަށް ފަހު، އިންޑިއާގައި ވެސް މަންޒަރުތަކެއް ޝޫޓްކުރާނެ އެވެ.

މި ފަހަރު ފިލްމުގެ ޑައިރެކްޓަރަކީ އަޖޭގެ 2014 ގެ "އެކްޝަން ޖެކްސަން" ކެމެރާކުރި ވިޖޭ ކުމާރު އަރޯރާ އެވެ. އަދި މި ފަހަރުގެ ފިލްމުގެ ބަތަލާ އަކީ އަލަށް އަޖޭއާ އެކީ މަސައްކަތް ކުރާ މުރްނާލް ތާކޫރެވެ.

ދެހާސް ބާރައިގައި ގެނެސްދިން "ސަން އޮފް ސަރުދާރު" އަކީ އަޝްވިނީ ދީރު ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ބަތަލާ އަކީ ސޮނާކްޝީ ސިންހާ އެވެ. އަދި އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.

އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އަސަރު ގަދަ ލޯބީގެ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" އެވެ. މިއީ މި އަހަރު ރިލީޒްވި އޭނަގެ ތިން ވަނަ ފިލްމެވެ. ދެން އެންމެ އަވަހަށް އަޖޭ ފެންނާނީ ނޮވެމްބަރުގައި ގެނެސްދޭ "ސިންގަމް އެގެއިން" އިންނެވެ.