Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

ވަޒީފާ އިން ވަކި ކުރުމުން 1.8 މިލިއަން ދޭން ޖެހިއްޖެ

ނުހައްގުން ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބަދަލު ދޭން އެ ކޯޓުން ހުކުމްކުރި އިރު، ނޮވެމްބަރު 25، 2013 ގައި ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފާއިން ވަކިކުރީ ނުހައްގުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން 2020 ގެ ނޮވެމްބަރުގައި އަލުން ވަޒީފާ ރުޖޫއަކޮށް ދީފައިވެ އެވެ.

ސާޖަންޓް ވަހީދު 2013 ގައި ވަޒީފާއިން ވަކިކުރީ ސިފައިންގެ ހިދުމަތުގައި 30 އަހަރު ހޭދަ ކުރުމަށް ފަހު ރިޓަޔާކުރަން ހުށަހަޅާފައި އޮއްވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ އޭނަ އަށް ބަދަލު ދިނުމުގެ މައްސަލަ އެވެ. އެ މައްސަލައިގައި ވަހީދުގެ ފަރާތުން އެދިފައި އޮތީ ބަދަލުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ ވަޒީފާ ރުޖޫއަ ކުރި ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އެލަވަންސްތަކާ އެކީ ޖުމްލަ 1.8 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.

އެހެންވެ އެ ފައިސާ 15 ދުވަހުގެ ތެރޭގައި ވަހީދަށް ދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހުކުމްކުރީ މިދިޔަ ބުރާސްފަތީގަ އެވެ.