Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

ޕެޓިންސަނާއި ޒެންޑާޔާ ލޯބީގެ ފިލްމަކަށް

ހޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަަށްވާ ރޮބަޓް ޕެޓިންސަނާއި ޒެންޑާޔާ "ދަ ޑްރާމާ" ކިޔާ ލޯބީގެ ފިލްމަކަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ހޮލީވުޑްގެ ޚަބަރުފައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ "ޑްރީމް ސިނާރިއޯ" ގެ ޑައިރެކްޓަރު ކްރިސްޓޯފާ ބޯގްލީ ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. ނަމަވެސް "ދަ ޑްރާމާ" އާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ނުލިބެ އެވެ.

ވެރައިޓީން ބުނީ ޕެޓިންސަނާއި ޒެންޑާޔާގެ ޖޯޑު ފިލްމަށް ގެނައުމަށްޓަކައި، ދެ ތަރިންނާ އެކީ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެއްބަސްވުމަކަށް އާދެވުނުހާ އަވަހަކަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

މިހާރު ސްޕައިޑަމޭންގެ ރޯލު ކުޅޭ އެކްޓަރު، ޓޮމް ހޮލަންޑާ ރައްޓެހިވެގެން އުޅޭ ޒެންޑާޔާ، 27، ގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި ރޮމޭންޓިކް ސްޕޯޓްސް ޑްރާމާ "ޗެލެންޖާސް" އެވެ.

"ޓްވައިލައިޓް" ގެ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޕެޓިންސަން، 38، ގެ ކުރިއަށް އޮތް ފިލްމަކީ ދެކުނު ކޮރެއާގެ 2019 ގެ ފިލްމު "ޕެރަސައިޓް" ގެނެސްދިން ބޮންގް ޖޫން-ހޯގެ ސައިންސް ފިކްޝަން ފިލްމު "މިކީ 17" އެވެ. ޕެޓިންސަން އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" އިންނެވެ.