ހޮސްޕިޓަލު ފަދަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ކަރަންޓް ކެނޑުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ހިންގާ އައިއެމްޑީސީ އައިއެމްޑީސީ ހޮސްޕިޓަލުގެ ހިދުމަތް ހުރިހާ ގޮތަކުންވެސް ސަރުކާރު ހޮސްޕިޓަލަށް ވުރެ މާބޮޑުތަންވެސް ރަނގަޅު ކަމަށާއި ގިނަ ރައްޔިތުންތަކެއް އެ ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވިގޮތަގައި ހަނގުރާމައެއްގައި ދޭ ވަރުގަދަ ހަމަލާއަކުން އެފަދަ ކަމެއް މެދުވެރިވި ނަމަވެސް އާންމު ގޮތެއްގައި އެފަދަ ލާއިންސާނީ އަމަލެއް އިޒްރޭލުންވެސް ނުކުރާނެ ކަމަށެވެ.
"އައިސީޔޫގައި އެޑްމިޓްކޮށްގެން 12 ވަރަކަށް މީހުންނަށް ފަރުވާދެމުން ދަނިކޮށް ކަރަންޓު ކަނޑާލީ ކުރިން ނުވެސް އަންގާ. ބެކަޕް ޕްލޭނަކަށް ފުރުސަތުވެސް ނުދީ. އެއީ އެމީހުންގެ ފުރާނައަށްވެސް ނުރައްކާވާވަރުގެ ލާއިންސާނީ އަމަލެއް،" ސޯބެ ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ހިންގާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ނެތްފަދަ ފެންވަރު ރަނގަޅު ދެ ޑޮކްޓަރުން ވެސް އައިއެމްޑީސީގައި އެބަތިބި ކަމަށާއި ސަރުކާރު ހޮސްޕިޓަލުން ލިބެން ނެތް އެތައް ހިދުމަތެއް އައިއެމްޑީސީން ލިބޭ ކަން ވެސް ސޯބެ ވަނީ ފާހަގަކުރައްވާފައެވެ.