Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ސާކްގެ ކުރިއެރުމަށް ރާއްޖެއިން އެއްބާރުލުން ދޭނެ

ފޮޓޯ: ރައީސް އޮފީސް

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިކަން ފާހަގަކުރެއްވީ މިއަދު ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ވަނީ ސާކްގެ ފަރާތުން މެންބަރު ޤައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ. ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމުއިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ރައީސް މުއިއްޒު ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު އާކުރެއްވިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.