ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދެއް ނެތް ކަމަށާއި ގޭގައި ދެން މަޑުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ރައްޔިތުން ޖައްސަން ކުރާ ކޮންމެ މަސައްކަތަކުން ވެއްޓޭނީ ޔާމީންގެ އަގު ކަމަށާއި ގެއްލޭނީ އޮތީއްޔާ އެމަނިކުފާނަށް އޮތް ތާއީދެއް ކަމަށްވާއިރު، މިއަދު އެ ތާއީދެއް ވެސް ނެތް ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މެންފަދަ ބޭފުޅުން ފޮނުވާލުމަށްފަހު ރީއްޗަށް ހަމަޖެހިލައިގެން ގޭގައި މަޑުކޮށްލެއްވުމަށް އަބްދުލްރަހީމް ވަނީ ޔާމީނަށް ގޮވާލާފަ އެވެ.
"ތިއުޅޭ ހައެއްކަ މީހުން ފޮނުވާލާފައި، ރީއްޗަށް ހަމަޖެހިލައިގެން ގޭގައި ދެން މަޑުކޮށްލައްވާށޭ. މަނިކުފާނުގެ އުމުރުގައި މިވީހާ ދުވަސް ވިޔަސް، ދަތިކަމެއް ނެތި އުޅެލެވޭ ވަރަށް ފައިސާ މަނިކުފާނުގެ އަތުގައި ހުރި ވާހަކަ، މަނިކުފާނު އެބަ ވިދާޅުވޭ،" އަބްދުލްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބްދުލްރަހީމް ވަނީ ރައްދު ދޭން ވެސް ޖަދަލުކުރަން ވެސް ތިބީ ތައްޔާރަށް ކަމަށާއި ސިޔާސީ ހަޔާތް އެކީ ހޭދަކުރީ ޔާމީނާއެކު ކަމަށްވީ ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޔާމީން ދެއްވީ "ލަގާއެއް" ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން އެ މަޖިލީހުގެ ނައިބު ރައީސްކަން އޭނާ އަށް ގެއްލުވާލީ ޔާމީން ކަމަށާއި ހިޔާނާތްތެރިންނަކީ އެއީ ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.