ގައުމު މިހާރު އޮތީ ދެ ސަރުކާރަކުން ވެގެން މަރާލާފައި ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައްޔިތުން ވަރަށް ވަގުތީ މަންފާއަކަށް ނުބަލައި ވަރަށް ދުރަށް ވިސްނަންޖެހޭ ކަމަށާއި ގައުމު މިއޮތީ ދެ ސަރުކާރަކުން އަނިޔާކޮށް މަރާލާފައި ކަމަށެވެ.
"ބައެއް ފަހަރަށް ފިލްމުތަކުން ވެސް ވަޅި ޖަހާ މަރުނުވާހެން ހީވީމާ، އަނެއްކާ ޖަހާނެ ތެދުވެފައި. އެގޮތަށް ހަދަން އެ އުޅުއްވަނީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިބެންޖެހޭ ކަމަށާއި ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކަތައް ގަބޫލުނުކޮށް، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ ހަމައެކަނި ވެރިކަމަކީ މިއީ ކަމަށް ގަބޫލުކޮށްގެން ކުރިއަށް ދިޔުން ކަމަށެވެ.
މީގެއިތުރުން ފަލާހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ބަހުގެ ހޫނު ހަމަލާތަކެއް ރޭ ރައްދު ކުރައްވާފަ އެވެ. އެގޮތުން ޔާމީންއާ ގުޅޭ ތަފާތު އެކި ވާހަކަތައް ދެއްކުމުން ޕީއެންސީގެ އިސް ސަފުގައި ތިބީ ނުކިޔަވާ ތިބި މީހުން ކަމަށް ބުނާ ކަމަށާއި ނަމަވެސް ޔާމީންގެ ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަން އޭނާ އަށް ދެއްވީ ވެސް ޔާމީން ކަމަށް ފަލާހު ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ވުމުން ޔާމީނަށް އޭނާ ކަމުނުދިޔަ ކަމަށާއި މިވާ ގޮތެއް ނޭނގޭ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ ކުޑަކުދިން ކައިރީ ދައްކާ ކަހަލަ ވާހަކަ ނުދެއްކުމަށް ޔާމީނަށް ގޮވާލާ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމުން އަންނާނީ ހިނި ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ރައީސް ޔާމީން ވިޔަސް ކުޑަކުދިން ކައިރީ ދައްކާ ކަހަލަ ވާހަކަ ދެއްކީމާ، ކުޑަކުދިން ހޭ ގޮތަށް އަޅުގަނޑުމެން ކައިރި އަށް އަންނާނީ ހިނި،" ފަލާހު ވިދާޅުވި އެވެ.