Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

އެހާ ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހެދުމަށް ގޮވާލައިފި

މެންބަރު ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެހާ ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހެދުމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މިއަދަކީ ރާއްޖޭގެ ޤާނޫނުއަސާސީއަށް 16 އަހަރު ފުރޭ ދުވަސްކަން ފާހަގަ ކުރައްވާ ޤާސިމް ވިދާޅުވީ މިއަދަކީ އަސާސީ ހައްޤުތަކާ، ބާރުތައް ވަކިކުރުމާ ޑިމޮކްރަޓިކް އުސޫލުތަކަށް މަގުފަހިވެގެންދިޔަ ޤާނޫނުއަސާސީ ތަސްދީގުކުރެވުނު ދުވަސް ކަމަށެވެ.

މިހާތަނަށް އައިއިރު ވަރަށް ފަސޭހައިން ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނެވިފައިހުރިކަން ފާހަގަ ކުރައްވާ ޤާސިމް ވިދާޅުވީ ކުރިން އޮންނަނީ އެހާ ފަސޭހައިން ޤާނޫނުއަސާސީއަށް އިސްލާހު ގެނެވޭގޮތަށް ނޫން ކަމަށެވެ. އަދި އޭރު އޮންނަނީ އެހާ ފަސޭހައިން ޤާނޫނުއަސާސީއާ ނުކުޅެވޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 75 އިންސައްތަ ވޯޓުން ޤާނޫނުއަސާސީ އިސްލާހުކުރެވޭ ގޮތަށް އޮންނަނަމަ އޭގެންވެސް ނުރަނގަޅު ކަންތައްތަކެއް އަތުވެދާނެކަމާމެދު ވިސްނަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީއަށް ކުރިން ގެނެވުނު ބައެއް އިސްލާހުތައް މިހާރު ބަދަލު ކުރެވިފައިހުރިކަންވެސް ފާހަގަ ކުރެއްވިއެވެ.

"ޤާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި މިރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކޭނިޒަމެއް އެބަލާންޖެހޭ، އެހާ ފަސޭހައިން އެކަން ނުކުރެވޭނެ މެނޭނިޒަމެއް. އެއީ ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން، ހުރި ފަންޑަމެންޓަލް ރައިޓްސްތަކެއްވެސް ނުވަތަ އަޅުގަނޑުމެންގެ އިސްލާމް ދީން ކަނޑައަޅާފައިވާ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާ، 10 ވަނަ މާއްދާއަށް ބަދަލުތަކެއްވެސް ގެނެސްދާނެތީ." ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ އިންޝުއަރެންސްއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާފައިއޮތުމުން އެކަމަށް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ޤާސިމް ވަނީ ރާއްޖޭގައި މިހާތަނަށް އިންޝުއަރެންސްގެ ކަންކަން ކުރެވެމުންއައީ އެކަމަށް ހާއްސަ ޤާނޫނެއް ނެތިކަން ފާހަގަކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ މިފަދަ ބިލެއް އެކުލަވާލެވޭއިރު ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދާ ދެކޮޅުޖެހޭނެ ގޮތަކަށް މިފަދަ ޤާނޫނެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.