ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެބި ޝޭހް ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލެވުމާ ގުޅިގެން އެކުލަވައިލާ ވަގުތީ ސަރުކާރުގެ ވެރިއަކަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖައްސަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީނާއި އަސްކަރިއްޔާގެ އިތުރުން ހަސީނާ މަގާމުން ބޭރުކުރުމަށް ބޮޑެތި މުޒާހަރާތަކެއް ރޭވުމުގައި އިސްކޮށް އުޅުނު ދަރިވަރުންގެ މެދުގައި މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.
ވަގުތީ ސަރުކާރުގެ ވެރިއަކަށް ޔޫނުސް ހަމަޖައްސަން ނިންމުމާ ގުޅިގެން އޭނަ ވަނީ އެކަން ގަބޫލު ކުރައްވައިފަ އެވެ. އުމުރުން މިހާރު 84 އަހަރުގެ ޔޫނުސް މި ވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް ފްރާންސްގެ ޕެރިހުގަ އެވެ. އޭނަގެ ތަރުޖަމާން ވިދާޅުވީ ވަރަށް އަވަހަށް ޔޫނުސް ޑާކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ޔޫނުސް އަކީ ނޯބެލް އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޔޫނުސް ބަންގްލަދޭޝް އަށް ވަޑައިގެން އާ ވަގުތީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ އެވެ.
ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލެވީ އޭނަގެ ސަރުކާރާ ދެކޮޅަށް މިދިޔަ މަހުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމ ވަރުގަދަ މުޒާހަރާތަކެއްކޮށް، ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ.