އިންޝުއަރެންސް ވިޔަފާރިއަކީ ރާއްޖެއަށް ފައިސާ ލިބޭ ރަނގަޅު ވިޔަފާރިއަކަށް ހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ސަރުކާރުން އިންޝުއަރެންސްއާ ބެހޭ ބިލެއް ހުށަހަޅާފައި އޮތުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ނާޒިމް ވިދާޅުވީ އިންޝުއަރެންސުން ލިބޭ ލާބައާއި މަންފާ ގިނަ މީހުންނަށް ނޭންގޭ ކަމަށެވެ.
ރާއްޖޭގައި އަދިވެސް އިންޝުއަރެންސްގެ ކަންކަން ހިނގަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ސައިކަލުފަދަ ތަކެތި އިންޝުއާ ކޮށްފައި ހުންނަނަމަވެސް އެކްސިޑެންޓެއް ވުމުން އޭގެންވެސް ބަދަލެއް ނުލިބޭ ކަމަށެވެ. ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތަކެއް ހުރިނަމަވެސް އަދި އެކަންކަން ހުރީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންވެސް އިންޝުއާ ކުރުމަށް މީހުން ބޭނުންނުވާކަން ފާހަގަ ކުރެއްވިއެވެ.
އިންޝުއަރެންސްގެ ވިޔަފާރިއަކީ ރާއްޖެއަށް ފައިސާލިބެ ރަނގަޅު ވިޔަފާރިއަކަށް ހެދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އިންޝުއަރެންސްގެ ވިޔަފާރިތައް އުފެއްދުމަށް ހިތްވަރު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ ސަފާރީތައް އަދި މަސްދޯނިފަހަރު އޮތްއިރު އޭގެތެރެއިންވެސް ގިނަ އުޅަނދުފަހަރު އިންޝުއާ ނުކޮށްހުންނަކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
މިފަދަ ޤާނޫނަކުން ރާއްޖެއަށް ރަނގަޅު އިންޝުއަރެންސް ކުންފުނިތައް އަންނާނެކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ލިބޭ ގެއްލުމަށް ރަނގަޅު ބަދަލެއް އެފަދަ ކުންފުނިތަކުން ލިބޭނެ ކަމަށްވެސް އުންމީދުކުރާ ކަމަށެވެ.