Last Updated: November 25, 11:46
Monday, November 25, 2024
ޚަބަރު

އައްޑު އަށް 1،600 ކިލޯވޯޓްގެ ޖަނަރޭޓަރެއް

އައްޑު އަށް އާ ޖަނެރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ 1،600 ކިލޯވޯޓްގެ ޖެނެރޭޓަރު ސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެންނަ ޖަނެރޭޓަރެކެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި މިހާރު 20 ޖަނެރޭޓަރު ހުރި އިރު، އެއީ 26.8 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީ އެވެ. އެކަމަކު އޭގެ ތެރެއިން 5 ޕަސެންޓް އިންޖީނުތައް ހަލާކުވެފައި ހުރުމުން މި ވަގުތު އުފެއްދެނީ 15.5 މެގަވޮޓްގެ ކަރަންޓް ކަމަށް ފެނަކަ އިން ބުންޏެވެ.

އައްޑު އަށް 1،600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަގުމަތީގައިވާ އިރު، އެ ސިޓީ އަށް 1.6 މެގަވޯޓްގެ ޖަނަރޭޓަރެއް ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ކުރިން ބުނެފައިވެ އެވެ.

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ފެނަކަ އިން އޮތީ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކޮށްފަ އެވެ. ފެނަކަ އިން ބުނީ މި މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމައިލެވުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށެވެ.