ރައްޔިތުންގެ މަޖިލީހުގެ މަތިގެއަކާއި ދަށުގެއެއް ބޭއްވުމަށް ތާއީދުކުރާކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޤާރާރެއް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މި ޤަރާރުގެ މައްސަލައިގައި މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބައެއް ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ވަނީ މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭގޮތުން ތަފާތު ހިޔާލުތަކެއް ހުށަހަޅާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ. މިއަދުގެ ކޮމިޓީގައި ފާރިސް ވަނީ މަޖިލިސް ބައިކެމަރަލް ތަނަކަށް ހެދުމަށް ހުށަހަޅުއްވާފައެވެ. އެގޮތަށް ހެދުމުން މަޖިލީހުގައި މަތިގެއަކާއި ދަށުގެއެއް އޮންނާނެއެވެ.
ފާރިސްވަނީ ދާއިރާތައް ކަނޑައަޅާއިރު އާއިލީ ނުފޫޒުތަކަށް ޖާގަ ނުލިބޭނެހެން އިންސާފުވެރިކަމާއެކު އެކަންކުރުމަށާއި ފަންނީ ފަރާތްތަކަށް އަދި އަންހެނުންނަށް ހާއްސަ ކޯޓާއެއް މަޖިލީހުގައި ކަނޑައެޅުމަށްވެސް ހުށަހެޅާފައެވެ.
ކޮމިޓީގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އެޕާޓީން ތާއީދުކުރާނެކަން ހާމަކޮށްފައެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއަކަށް މަޖިލީހުގައި ތަމްސީލު ކުރެވޭ ގޮތް ހެދުމަށާއި ކޮންމެ އަތޮޅަކަށް ވަކި އަދަދަކަށް މެންބަރުން އިންތިހާބު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ. މި ބައްދަލުވުމުގައި އަދާލަތު ޕާޓީންވެސް ވަނީ އަންހެނުންނަށް މަޖިލީހުން ހާއްސަ ކޯޓާއެއް ހަމަޖެއްސުމަށްވެސް ހުށަހަޅާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެމްއެންޕީން ވަނީ މެންބަރުންގެ އަދަދު 77 އަށް ތިރިކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އެމްޑީއޭއިން ބުނީ މެންބަަރުން މިހާރުގެ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ކަނޑައެޅުމަށް ތާއީދުކުރާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވަމުންދަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ މަޖިލީހުން ހައްލެއް ހޯދަވަންޖެހޭކަމެއް ކަމަށެވެ. ގަރާރުގައި ބުނެފައިވަނީ މެންބަރުންގެ އަދަދު މަދުކުރުން ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށްަޓަކައި، ޤާނޫނުއަސާސީއަށް މުހިންމު އިސްލާހެއް އަންނަންޖެހޭ ކަމަށެވެ. އެހެންކަމުން މިކަމުގައި މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށްޓަކައި މި ގަރާރު ހުށަހަޅާފައިވެއެވެ.