ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންޔަކެއްގެ އެކައުންޓަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި 77 ބިލިއަން އެމެރިކާ ޑޮލަރު ބޭންކް ޖަމާވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ސާފުކުރަން ނިންމައިފި އެވެ.
އެ މައްސަލަ ސާފުކުރަން ނިންމީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.
ބޮޑު އަދަދުން ޑޮލަރު ޖަމާވި މައްސަލައާ ގުޅިގެން ގައުމީ ބޭންކުން ބުނެފައި އެއީ ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މި ފަހުން ގެނައި ބަދަލަކާ ގުޅިގެން ދިމާވީ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޖަމާވި ފައިސާ ރިކަވަކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ވަނީ ޕޭރޯލް އާއި ބަލްކް ޓްރާންސްފާ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް ހެދުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ބޮޑެތި އަދަދުތަކުން ކުރާ ޓްރާންސްފާތަކާއި ޕޭރޯލް ޕްރޮސެސްކުރަން payroll@bml.com.mv އަށް މެއިލް ކުރުމަށް އެ ބޭންކުން އެދިފައިވެ އެވެ.