މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން އޮތް އަޖޭ ދޭވްގަންގެ "ރެއިޑް 2" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
އެކަން ކަށަވަރުކޮށް ދެމުން ޑައިރެކްޓަރު ރާޖްލުމާރު ގުޕްތާ މިއަދު ބައެއް މީޑިއާތަކަށް ޝޫޓިން ނިންމާފައި އޮތް އެ ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.
"އެހެންވެ ޕްރޮޑިއުސަރުން ވަރަށް އަވަހަށް އާ ތާރީހެއް އިއުލާން ކުރާނެ." އޭނަ ބުންޏެވެ.
"ރެއިޑް 2" ކުރިން ސިނަމާތަކަށް ގެންނަން އޮތީ ނޮވެމްބަރު 15 ގަ އެވެ. ނަމަވެސް ފިލްމު އަންނަ އަހަރަށް ފަސްކުރި އިރު، ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްގެ ތެރޭގައި އަޖޭގެ "ސިންގަމް އެގެއިން" ރިލީޒްކުރާނެ އެވެ. މި ފިލްމަކީ ކުރިން މި މަހުގެ 15 ގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ.
"ރެއިޑް 2" އަކީ އިންކަމް ޓެކްސް އަށް މަކަރު ހަދާ ބަޔަކު އަތުލައިގަންނަން އިންކަމް ޓެކްސް އިދާރާގެ އޮފިޝަލަކު އިސްކޮށް ހުރެގެން ހިންގާ ރެއިޑްތަކެއްގެ މައްޗަށް ބިނާކޮށް 2018 ގައި ގެނެސްދިން "ރެއިޑް" ގެ ސީކްއެލް އެވެ. ކުރީގެ ފިލްމުގައި އަޖޭއާ އެކީ ބަތަލާގެ ރޯލު އިލިއާނާ ޑި ކްރޫޒް ކުޅެފައިވާ އިރު، ދެވަނަ ބައިގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
ޖުމްލަ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި މާޗް 16، 2018 ގައި ރިލީޒްކުރި "ރެއިޑް" އަށް ބޮކްސް އޮފީހުގައި 153.62 ކްރޯޑް ރުޕީސް (18.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "އޯރޯ މޭ ކަހާ ދަމް ތާ" އެވެ. މި އަހަރު ރިލީޒްވި އޭނަގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޝައިތާން" އާއި "މައިދާން" ވެސް ހިމެނެ އެވެ.