އިންޑިއާ އައުޓްގެ ނަން މި ސަރުކާރަށް 9 މަސް ވެގެންދިޔައިރު "ވެލްކަމް އިންޑިއާ" އަށް ބަދަލުވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ގަސްދުކުރައްވާ ބޭފުޅުން އަވަށްޓެރި ގައުމުތަކާއި ޖެހިގަނެގެން އުޅެން ނުވާނެ ކަމަށް މީގެކުރިން ވެސް ދެންނެވި ކަމަށާއި މީގެކުރިން ގޮވަމުންދިޔަ އިންޑިއާ އައުޓް، މި ސަރުކާރަށް 9 މަސްވީއިރު "ވެލްކަމް އިންޑިއާ" އަށް ބަދަލުވެފައިވާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރަށް ހޫނު މަރުހަބާއެއް ދަންނަވައި ދެ ގައުމުގެ ގުޅުން ކުރިން އޮތް ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން ދުނިޔޭގެ އެތަންމިތަނަށް ދަތުރުކޮށްގެން ވެސް ބޮޑު ލާރިއެއް ދިއްކޮށްލާނެ މީހެއް ވެސް ނުވި ކަމަށާއި ނަމަވެސް އިންޑިއާ އިން 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރުގެ ގޮތެއް ނެތް ކަމުގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި އެގޮތުން އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް 43 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭގެ ސަބަބުން ރިސޯޓުތައް ފަޅުވެ އޮކިއުޕެންސީ އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވަނީ އިންޑިއާ ބައިވެރިވެގެން ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން ދެއްކެވި ވާހަކަތަކަށް ވެސް އިޝާރާތް ކުރައްވާފަ އެވެ. އެގޮތުން އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ވިއްކާލި ކަނޑާއި ގުޅޭގޮތުން އެމަނިކުފާނާއި ސުވާލުކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.